ދުނިޔެ
ހަނގުރާމައިގެ ކުރިން އިސްރާއީލުން އިރާގުގައި ދެ އަސްކަރީ ބޭސް ބިނާކުރި
އިޒްރާއިލްގެ ސިފައިންގެ މީހެއް. ފޮޓޯ: ނިއުޔޯކް ޓައިމްސް
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ކުރިން އިސްރާއީލުން އިރާޤުގައި ދެ އަސްކަރީ ބޭސް ބިނާކުރިކަން ހާމަވެއްޖެއެވެ.
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތައްޔާރީތަކުގެ ތެރެއިން، އިސްރާއީލުން އިރާޤުގެ ހުޅަނގު ސަހަރާގައި ސިއްރު ދެ އަސްކަރީ ބޭސް ބިނާކޮށްފައިވާ ކަމަށް ހާމަ ކޮށްފައިވަނީ ނިއުޔޯކް ޓައިމްސް އިން ކޮށްފައިވާ ރިޕޯޓެއްގައެވެ.
އިރާޤުގެ އޮފިޝަލުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މި ސިއްރު މަރުކަޒުތައް ހިންގަމުން ދިޔައީ އިސްރާއީލުގެ ސިފައިން ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން އެއް ބޭސް ޤާއިމުކޮށްފައިވަނީ ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމެރިކާއަށް ވެސް އެނގިގެންނެވެ. މި މަރުކަޒުގައި އިސްރާއީލުގެ ޙާއްޞަ ފައުޖުތައް ތިބިއިރު، އެއީ ވައިގެ މަގުން ހިންގާ އޮޕަރޭޝަންތަކުގެ ލޮޖިސްޓިކް ހަބެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މީގެ އިތުރުން، ވައިގެ ހަމަލާތަކުގައި ވެއްޓޭ ބޯޓުތަކުގެ ޕައިލެޓުން ސަލާމަތްކުރުމުގެ ޤާބިލުކަން ވެސް އެ ބޭސްގައި ޤާއިމުކޮށްފައިވެއެވެ.
މި ރިޕޯޓުތަކާ ގުޅިގެން އިރާޤުގެ ޖޮއިންޓް އޮޕަރޭޝަންސްގެ ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ގާއިސް އަލް މުހައްމަދާވީ ވިދާޅުވީ، ނަޖަފް ސަހަރާގެ ތެރެއިން ބައެއް މީހުންނާއި ހަރަކާތްތަކެއް ފެނިފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިރާޤު ސަރުކާރުން ބޭރުގެ އެއްވެސް އަސްކަރީ ބާރަކަށް އެ ސަރަޙައްދުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. "އެ ސަރަޙައްދުގައި އެއްވެސް ބާރަކުން ތިބުމަކަށް އެއްބަސްވުމެއް ނުވަތަ ރުހުމެއް ދީފައެއް ނުވާނެ،" މުހައްމަދާވީ ވިދާޅުވިއެވެ.
އިރާޤު ސަރުކާރުން ރަސްމީކޮށް މިކަން ދޮގުކުރި ނަމަވެސް، ޑަބްލިއުއެސްޖޭއިން ބުނާ ގޮތުގައި މާޗް މަހުގެ ފަހުކޮޅު އިރާޤުން ވަނީ އެމެރިކާއަށް ސިއްރު ޝަކުވާއެއް ހުށަހަޅާފައެވެ. އެ ޝަކުވާގައި ބުނެފައިވަނީ މިފަދަ ސިއްރު އަސްކަރީ ހަރަކާތްތަކަކީ އިރާގުގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ މި އޮޕަރޭޝަންގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.
އީރާނުން ވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އިސްރާއީލުން ސަރަޙައްދީ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި މައްސަލަ އިރާގު ސަރުކާރާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. "ސަރަޙައްދުގައި އިސްރާއީލުން އަމަލުކުރަމުންދާ ގޮތުން އެނގެނީ އެ މީހުން އެއްވެސް ރެޑްލައިނަކަށް ނުވަތަ އިންތަކަކަށް އިޙުތިރާމް ނުކުރާކަން،" ބަގާއީ ވިދާޅުވިއެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ އެމެރިކާ، އިސްރާއީލު އަދި އީރާނާ ދެމެދު މަސްރަހު ގޯސްވެ، އިރާޤަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އިރާޤުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާއިން ދަނީ ތަކުރާރުކޮށް ބަޣުދާދަށް ބާރުއަޅަމުންނެވެ.