ޚަބަރު
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ލޭޒަރ ސާޖަރީގެ ޚިދުމަތް ފަށައިފި
ލޭޒަރ ސާޖަރީގެ ޚިދުމަތް ފެށުން. ފޮޓޯ: އައިޖީއެމްއެޗް
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ އެކްސްގައި މައުލޫމާތު ޚިއްޞާކުރައްވާފައެވެ.
ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަން ތަކުގެ ތެރެއިން 4 ވައްތަރެއްގެ އޮޕެރޭޝަން 17 މެއި 2026 އިން ފެށިގެން ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް މިހާރު ވަނީ މި ދެ ހޮސްޕިޓަލުގައި ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް (އީވީއެލްޓީ) އާއި، ފުރަގަސްފަރާތުގެ ބަލި ނުވަތަ ޕައިލްސްއަށް ކުރާ ލޭޒަރ ހެމޮރޮއިޑޯޕްލާސްޓީއެވެ.
މީގެ އިތުރުން ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސަރ (ފިލަކް) އޮޕެރޭޝަނާއި، ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ސައިނަސް ލޭޒަރ ކްލޯޒަރ (ސިލަކް) އޮޕެރޭޝަން ވެސް މިހާރު ލޭޒަރ ޓެކްނޮލޮޖީގެ އެހީގައި ކުރެވޭނެއެވެ.
މި އައު ޚިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމާއި، ތަދުވުން ކުޑަވެ ބަލިމީހާ އަވަހަށް ފަސޭހަވުން ހިމެނެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޝަންވުމުގެ ފުރުޞަތު ނިސްބަތުން ކުޑަވެގެންދާނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވަނީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ކުރިއަރާފައިވާ ޞިއްޙީ ފަރުވާގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޚިދުމަތް ތައާރަފުކުރުމުގައި ސާޖަރީ ޓީމާއި އެހެނިހެން މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަނީ ވަޒަންކުރައްވާފައެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ޞިއްޙީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް، ރައްޔިތުންނަށް އޯގާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.