Ads by Farudhun

ޚަބަރު

ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު: ކޮމިޓީ

ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު: ކޮމިޓީ

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - 19 މެއި 2026 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

19 މޭ 2026، 04:37

19 މޭ 2026، 04:37

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބު ލިބެމުންދާކަމަށް، މި ޙާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ.

އެ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަދަދު ދަށުގައި ހުރި ނަމަވެސް، ގެއްލުންވާ މިންވަރު ކުޑަކުރެވެމުން އަންނަ ކަމަށެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތުން، ފަތުރުވެރިކަމުން ލިބެމުންދާ ގެއްލުމުގެ މިންވަރު ކުރިއަށްވުރެ ކުޑަކުރެވިއްޖެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުން ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވަޒީރު ވަނީ، މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާރކްރާފްޓެއް އޮޕަރޭޝަނަށް ނެރެވުމުން، އެއީ ވެސް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ސަބަބަކީ، ފަތުރުވެރިކަމުގެ މައި ރޫޓުތަކުން ދަތުރުކުރުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި މޯލްޑިވިއަންއިން މުޅިން އައު ރޫޓެއް ފެށުމެވެ.

އޮސްޓްރޭލިއާއިން ސީދާ ދަތުރުތައް ފެށުމުން ފެންނަނީ، ރައީސް މުޢިއްޒުގެ ދުރުވިސްނުމާ އެއްގޮތަށް މޯލްޑިވިއަންއިން ވައިޑްބޮޑީ ބޯޓުތައް ބޭނުންކުރަން ފެށުމުގެ ފައިދާ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، ތެލާއި، ކާޑާއި، އަސާސީ މުދާ، ދަތިކަމެއް ނެތި ފޯރުކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަމުގައެވެ. އަދި މި ދަނޑިވަޅުގައިވެސް، ޚަރަދުތައް ރޭޝަނަލައިޒް ކުރައްވައި، ދަރަނިތައް އަދާކުރައްވައި، މިހާރު ޤައުމުގެ ދަރަނި ވަނީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450