ދުނިޔެ
ޗަައިނާގައި ފެންބޮޑުވުމުގެ ހާދިސާއެއްގައި ބަޔަކު މަރުވެއްޖެ
ޗައިނާގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުން. ފޮޓޯ: ރޮއިޓާސް
ޗައިނާގެ ދެކުނާއި މެދުތެރޭގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަން (ސީއެމްއޭ)އިން ބުނާ ގޮތުގައި މި ވިއްސާރަ މިހާރު ވަނީ އޭގެ އެންމެ ނުރައްކާތެރި މަރުހަލާއަށް ފޯރާފައެވެ.
މި ކާރިސާއާ ގުޅިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ހޫނާން އަދި ގުއަންގްޒީ ޕްރޮވިންސްގައި ލެވެލް-4 ގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. އަދި ހޫބެއި، ޗޮންގްކިންގް އަދި ގުއިޒޫގައި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިއީ ދައުލަތުގެ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅާ ފުރަތަމަ ފިޔަވަޅެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހޫބެއި ޕްރޮވިންސަށެވެ. އެ ސަރަޙައްދުގެ 337 ރަށަކަށް 48 ގަޑިއިރު ތެރޭގައި 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އެ ސަރަޙައްދުގެ ތާރީޚުގައި ވެސް ރެކޯޑް މިންވަރެކެވެ.
މަރުވި މީހުންގެ ތަފްސީލަށް ބަލާއިރު، ގުއަންގްޒީގައި 15 މީހުންނާއެކު ދަތުރުކުރި ޕިކަޕް އެއް ކޯރަކަށް ވެއްޓި 6 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ހޫބެއިގައި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން 3 މީހުން މަރުވެފައިވާއިރު، ހޫނާން ޕްރޮވިންސުން ވެސް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް ސަރަޙައްދުތަކުގައި ކަކުލާ ހަމައަށް ފެންބޮޑުވެފައިވާއިރު، މަގުތަކުގައި މަސް ބާނަން މީހުން ތިއްބެވެ. ގިނަ އަދަދެއްގެ ކާރުތައް ވެސް ވަނީ ފެނުގެ އަޑީގައެވެ. މި ހާލަތާ ގުޅިގެން ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް، ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ.
މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މިހާ ބޮޑަށް ފެންބޮޑުވާން މެދުވެރިވީ ބޭ އޮފް ބެންގަލް އާއި ދެކުނު ޗައިނާ ކަނޑުން އައި ތެތްކަން އެއްވުމުގެ ސަބަބުންނެވެ. ކުރިއަށް އޮތް ދެ ދުވަހު ވެސް ޔަންގްޒޭ ކޯރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.