ދުނިޔެ
ސަރަޙައްދީ ބަދަލުތަކާއެކު ލުބުނާނާއި ސީރިއާގެ ގުޅުން އާ މިސްރާބަކަށް
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް އަދި ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ. ފޮޓޯ: ރޮއިޓާސް
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ސީރިއާގެ ވެރިރަށް ދިމިޝްގަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އާ އޮނިގަނޑެއްގެ ދަށުން ބަދަހިކުރުމުގެ މަޝްވަރާތައް ފައްޓަވައިފިއެވެ.
މިއީ 2024 ވަނަ އަހަރު އަލް-އަސަދު ރެޖީމް ވެއްޓުނު ފަހުން ބޮޑުވަޒީރު ސަލާމް ސީރިއާއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރައްވާފައިވަނީ ދެ ގައުމަށްވެސް އިސްރާއީލުގެ ހަމަލާތަކާއި ބިންތަކަށް އަރައިގަތުމުގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ސީރިއާގެ އާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ލުބުނާނަކީ މިނިވަން، މުސްތަޤިއްލު އަދި ހަމަހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެން ގުޅުން ބޭއްވުމަށެވެ. މީގެ ކުރިން ސީރިއާއިން ލުބުނާނުގެ ސިޔާސީ އަދި ސަލާމަތީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުން ދިޔަ ނަމަވެސް، މިހާރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް 'ހަޔަރ ކައުންސިލް' އުވާލައި، ދެ ފަރާތުގައިވެސް އެމްބަސީތައް ޤާއިމުކޮށްފައެވެ. މިއީ ލުބުނާނުގެ މައްޗަށް ސީރިއާއިން ބާއްވަމުން އައި ބެލެނިވެރިކަން ނިމުމަކަށް އައިސްފައިވާ ކަމުގެ ނިޝާނެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއެކު، ހިޒްބުاللهއަށް އީރާނުން ލިބެމުންދިޔަ ހަތިޔާރާއި ފައިސާގެ މަގުތައް ވަނީ ބަންދުވެފައެވެ. އަހުމަދު އަލް-ޝަރާ އިސްވެ ހުންނަވައި އުފެއްދެވި ސީރިއާގެ އާ ސަރުކާރަކީ ހިޒްބުاللهއާ ދެކޮޅު ސަރުކާރެކެވެ. ސީރިއާގެ އާ އަމާޒަކީ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅި، އަސަދުގެ ދުވަސްވަރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ، ސަރަޙައްދީ އަދި އިޤުތިޞާދީ ބާރަކަށް ވުމެވެ.
އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަރައިގަނެ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށް ގެދޮރު ސުންނާފަތި ކުރަމުންދާއިރު، ސީރިއާއަށްވެސް ވަނީ އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައެވެ. އަސަދު ވެއްޓުނު ފަހުން އިސްރާއީލުން ސީރިއާއަށް 600 އަށްވުރެ ގިނަ ހަމަލާ ދީފައިވާއިރު، ގޯލާން ހައިޓްސްގެ އިތުރު ބިންތަކަށްވެސް ވަނީ އަތްގަދަކޮށްފައެވެ. ނަމަވެސް، ސީރިއާގެ އާ ސަރުކާރުން މިވަގުތު އިސްކަންދެނީ އިސްރާއީލާ ހަނގުރާމަކުރުމުގެ ބަދަލުގައި ގައުމުގެ އެތެރޭގެ ހަމަޖެހުމާއި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށެވެ.
ދެ ގައުމުގެ ދެމެދުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ބޯޑަރު ބެލެހެއްޓުމާއި، ލުބުނާނުގެ ޖަލުތަކުގައި ތިބި ސީރިއާގެ އަސީރުން އަނބުރާ ގައުމަށް ގެންދިއުމަށެވެ. ބޮޑުވަޒީރު ސަލާމް ވިދާޅުވި ގޮތުގައި، ގެއްލިފައިވާ މީހުންގެ މައުލޫމާތު ހޯދުމާއި ދެ ޤައުމުގެ ދެމެދުގައި އޮތް އެހެނިހެން ގޮންޖެހުންތައް ހައްލުކުރުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. މީގެ އިތުރުން، ލުބުނާނުގެ ބޭންކުތަކުގައި ހުރި ސީރިއާގެ ފައިސާ ހޯދުމާއި، ކަރަންޓާއި ގޭސް ފަދަ އިގްތިސާދީ ކަންކަމަކީވެސް ކުރިއަށް އޮތް ތަނުގައި މަޝްވަރާ ކުރެވޭނެ މުހިންމު ދާއިރާތަކެވެ.