Ads by Farudhun

ޚަބަރު

ސަޢުދީގެ ޝޫރާ ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައިފި

ސަޢުދީގެ ޝޫރާ ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައިފި

ސަޢުދީގެ ޝޫރާ މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2026، 09:32

19 މޭ 2026، 09:32

ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، ހިޒް އެކްސެލެންސީ ފަޟީލަތުއްޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް އައްޝައިޚް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން، ޝޫރާ ކައުންސިލްގެ ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް-ސަޢޫދީ ޢަރަބިއްޔާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައެވެ.

 ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

 ޝޫރާ މަޖިލީހުގެ ރައީސްގެ އަރިހުގައި އެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޑރ. މުޙައްމަދު ބިން ޢަލީ މުބާރަކް، އިންޖިނިއަރ މަހްދީ ބިން ނާޞިރު އަލް-ދައުސަރީ، ޑރ. ލުލްވާ ބިންތި ޢަބްދުލްޣައްފާރު ފާދާ އަދި ޑރ. ދަލާލް ބިންތި މުޙްޔިއްދީން މަނާފާނީ ހިމެނިވަޑައިގަންނަވައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. ޢަބްދުﷲ އާލް އައްޝައިޚް ވިދާޅުވީ، މިއީ ސަޢޫދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ދޭދޭ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.

"މިއީ ދެ ގައުމުގެ ލީޑަޝިޕުން ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި، މެދުނުކެނޑި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަންތަކަމުގެ ރޫހުގެ މައްޗަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޕާލަމެންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޝޫރާ މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ތަފާހުމާއި އެކުވެރި ކޮމިޓީތަކާއި ބަރުލަމާނީ އެއްބާރުލުން މެދުވެރިކޮށް ގުޅިފައިވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތް ވަރުގަދަ ފާލަމެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮތް ގުޅުމަށް އާ ދިރުމެއް ލިބޭނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވައެވެ.

މި ރަސްމީ ދަތުރުފުޅުގެ ތެރެއިން،  ދިވެހި ސަރުކާރުގެ އިސް ބައެއް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަސްލަހަތު ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450