ދުނިޔެ
އަލްމަސްޖިދުލް އަޤްޞާގެ ޚަޠީބުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒްމްގެ ދަޢުވާތަކަށް އިންކާރުކުރައްވައިފި
އަލްމަސްޖިދުލް އަޤްޞާގެ ޚަޠީބު އައްޝައިޚް އުކްރިމާ ސަބްރީ. ފޮޓޯ: އޭއޭ
އިސްލާމީ މަތީ މަޖިލީހުގެ ރައީސް އަދި އަލްމަސްޖިދުލް އަޤްޞާގެ ޚަޠީބު އައްޝައިޚް އުކްރިމާ ސަބްރީ، އިސްރާއީލުގެ ކޯޓެއްގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމަށް ހިތްވަރުދިނުމުގެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފިއެވެ.
ކޯޓު އަޑުއެހުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝައިޚް ވިދާޅުވީ، އެމަނިކުފާނުގެ ދިފާއީ ވަކީލުން ހުށަހެޅީ ބުއްދިގަބޫލުކުރެވޭ ވަރުގަދަ ދިފާއެއް ކަމަށާއި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ ދީނީ ގޮތުން ހުއްދަ ވާހަކަފުޅުތަކެއް ކަމަށެވެ.
ޝައިޚް އުކްރިމާ ސަބްރީގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2024 ވަނަ އަހަރު އަޤްޞާ މިސްކިތުގެ ޚުޠުބާގައި، ޙަމާސްގެ ސިޔާސީ ގޯފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އެމަނިކުފާނަށް ހެޔޮ ދުޢާކުރެއްވި މައްސަލައިގައެވެ. މީގެ އިތުރުން ޤުދުސްއާއި ޖެނީންގެ ރެފިއުޖީ ކޭމްޕުތަކުގައި ބޭއްވި ތައުޒިޔާގެ މަޖިލިސްތަކުގައި ދެއްކެވި ވާހަކަފުޅުތަކެއް ވެސް މި ދައުވާގައި ހިމަނާފައިވެއެވެ.
ޝައިޚްގެ ދިފާއީ ވަކީލު ޚާލިދު ޒަބާރްޤާ ވިދާޅުވީ، ދައުވާގެ ތިން މާއްދާއަށް ވެސް އިންކާރުކޮށް، އެ ތުހުމަތުތައް ދޮގުކޮށްފައިވާނެ ކަމަށެވެ. ވަކީލު ފާހަގަކުރެއްވި ގޮތުގައި، ޝައިޚް ތައުޒިޔާ ވިދާޅުވެފައިވަނީ ދީނީ އަދި އިޖުތިމާއީ އުސޫލުތަކުގެ ތެރެއިންނެވެ. އަދި މިކަމަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ހާދިސާތަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
އުމުރުފުޅުން 87 އަހަރުގެ ޝައިޚް އުކްރިމާ ސަބްރީއާ ދެކޮޅަށް އިސްރާއީލުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ދަތުރުފަތުރު ކުރުން މަނާކުރުމާއި، އަޤްޞާ މިސްކިތަށް ވަނުން މަނާކުރުމުގެ އިތުރުން، ތަކުރާރުކޮށް ތަހުގީގަށް ހާޒިރުކުރުން ހިމެނެއެވެ. މިއީ ޤުދުސްގައި އެމަނިކުފާނުގެ ދީނީ އަދި ގައުމީ ދައުރު ހަނިކުރުމަށް ހިންގާ އަމަލުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށާއި ހެކިންގެ ހެކިބަސް ނެގުމަށް ކޯޓުން މިހާރު ވަނީ އަންނަ ސެޕްޓެމްބަރު މަހަށް މައްސަލަ ތާވަލުކޮށްފައެވެ. ދިފާއީ ވަކީލުން ބުނާ ގޮތުގައި ޝައިޚްގެ ވާހަކަފުޅުތަކަކީ ގާނޫނީ ގޮތުން ހިމާޔަތް ލިބިގެންވާ ދީނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.