ޚަބަރު
ޙައްޖުވެރިންނަށް ޚިދުމަތްކުރުމުގައި ސައުދީ ސަރުކާރުން ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް : ވަޒީރު ޝަހީމް
ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ބިން ޙަސަން އަލް-ޤަޙްޠާނީ އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ފޮޓޯ: ވުޒާރާ
ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދިޔަ "މައްކާ ރޫޓް އިނީޝިއޭޓިވް" ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތާ ގުޅިގެން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސައުދީ އަރަބިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތަށްޓަކައި، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ބިން ޙަސަން އަލް-ޤަޙްޠާނީއަށް ވަޒީރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ޙައްޖުވެރިންނަށް ޚިދުމަތްކުރުމުގައި ސައުދީ އަރަބިއްޔާގެ ލީޑަޝިޕުންނާއި، ސަރުކާރުން އަދި ރައްޔިތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. އަދި ޙައްޖުވެރިންނަށް ފޯރުކޮށްދޭ މަތީ ފެންވަރުގެ ވަސީލަތްތަކާއި، އާދަޔާ ޚިލާފު އިންތިޒާމުތަކުގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަކީ ޙައްޖުވެރިންގެ ދަތުރުތައް އިތުރަށް ފުރިހަމަކޮށްދޭ ކަންކަން ކަމަށާއި، އެއީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ޤައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ހެއްކެއް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
I extend my deepest appreciation and heartfelt gratitude to His Excellency Yahya bin Hassan Al-Qahtani, Ambassador of the Custodian of the Two Holy Mosques to the Republic of Maldives, for the gracious invitation to attend the ceremony honouring those who contributed to the… pic.twitter.com/CZ3pjqlZuN
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 19, 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އެހެން ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން، މިފަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓް" މެދުވެރިކޮށް ވަނީ ވަރަށް ބޮޑެތި ފަސޭހަތަކެއް ފޯރުކޮށްދީފައެވެ. މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް މިފަދަ ފުރުޞަތެއް ސައުދީ ސަރުކާރުން ފަހިކޮށްދެއްވި ފުރަތަމަ ފަހަރެވެ.