ދުނިޔެ / ޚަބަރު

ހަދުޔުގެ ގޮތުގައި ކަތިލާ ތަކެތި މުސްލިމު 27 ޤައުމަކަށް ހަދިޔާކުރަނީ

ހަދުޔުގެ ގޮތުގައި ކަތިލާ ތަކެތި މުސްލިމު 27 ޤައުމަކަށް ހަދިޔާކުރަނީ

ސަޢުދީ އަރަބިއްޔާގައި ހަދުޔު ކަތިލާތަން ފޮޓޯ: ސައުދީ އަރަބިއްޔާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2026، 09:44

20 މޭ 2026، 09:44

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށްވުރެ ގިނަ މުސްލިމުން މައްކާއަށް ޖަމާވަމުންދާއިރު، ޙައްޖުވެރިންގެ މައްޗަށް ވާޖިބުވާ ހަދުޔު ކަތިލުމުގެ އިންތިޒާމުތައް މައްކާގައި އެންމެ ފުރިހަމައަށް ތައްޔާރުކޮށްފިއެވެ.

ހަދުޔު ކަތިލުމަކީ ވަކި ޝަރުތުތަކަކާލައިގެން ޙައްޖުވެރިޔާގެ މައްޗަށް ވާޖިބުވާ ކަމެކެވެ. ޙައްޖުގައި ކަތިލެވޭ ހަދުޔު ވާންވާނީ ނަޢަމުސޫފީގެ ތެރޭގައި ހިމެނޭ ޖަމަލު، ގެރި ނުވަތަ ކަންބަޅިބަކަރިއަށެވެ. ކޮންމެ ޙައްޖު މޫސުމެއްގައި އެތައް ލައްކަ ޤުރުބާނީއެއް ކަތިލާއިރު، މިއަހަރުގެ ޙައްޖަށް ތައްޔާރުވެފައިވާ ފެސިލިޓީތައް ބަލާލުމުގެ ފުރުޞަތު ސައުދީ ސަރުކާރުން މިހާރު ވަނީ މީޑިއާތަކަށް ދީފައެވެ.

މައްކާގައި ހަދުޔު ކަތިލުމުގެ ކަންކަން ކުރިއަށްދަނީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10 ފެސިލިޓީއެއްގައެވެ. މިއިން ކޮންމެ ފެސިލިޓީއަކީ ދުވާލަކު 300,000 ޤުރުބާން ކަތިލުމުގެ ޤާބިލުކަން ލިބިފައިވާ ތަންތަނެވެ. އެގޮތުން ޙައްޖުގެ ތިން ދުވަހުގެ ތެރޭގައި އެންމެ ފެސިލިޓީއެއްގައި އެކަނިވެސް 900,000 ޤުރުބާން ކަތިލެވެއެވެ. މި ބޮޑު މަސައްކަތުގައި 17,000 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

ފެސިލިޓީތަކުގެ މަސައްކަތްތައް ރޭވިފައިވަނީ ވަރަށް ތަރުތީބުންނެވެ. ކަތިލުމަށްފަހު ތަންތަން ސާފުކުރުމާއި، މަހުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު ތަޙުލީލުތައް ކުރެވެއެވެ. ކޮންމެ ޙާޖީއެއްގެ ނަމުގައި ކަތިލެވޭ މަހުގެ ބަރުމިނުގައި މަދުވެގެން 9 ކިލޯ ހުރިކަން ކަށަވަރުކުރާނެއެވެ. އަދި އެ ޢަދަދަށްވުރެ މަދުނަމަ، އެ ބަރުދަން ހަމަކުރުމަށް އިތުރު މަސް ހިމަނާނެއެވެ.

މި ނިޒާމުގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ޙާޖީއެއްގެ ނަމުގައި ހަދުޔު ކަތިލިކަން ކަށަވަރުކުރުމެވެ. މިކަން ކަށަވަރުކުރުމަށް ތިން މަރުޙަލާއެއް ކަނޑައަޅާފައިވާއިރު، މެނުއަލްކޮށް ގުނުމުގެ އިތުރުން މެޝިނަރީއާއި އާޓިފިޝަލް އިންޓެލިޖެންސް (AI) ގެ އެހީގައިވެސް މިކަން ބަލަހައްޓައެވެ. ކަތިލުމުގެ ކަންކަން ނިމުމުން، ޙައްޖު ގްރޫޕްތަކުގެ އިސްވެރިންނަށް އެކަން ވަގުތުން އަންގާނެއެވެ.

ކަތިލެވޭ މަސްތަކުގެ ތާޒާކަން ހިފެހެއްޓުމަށްޓަކައި ކޮންމެ ފެސިލިޓީއެއްގައި 20 ގަނޑުކުރާ ގުދަން ހުރެއެވެ. މި ތަންތަނުގައި މަސް ރައްކާކުރަނީ މައިނަސް 25 ޑިގްރީ ސެލްސިއަސްގައެވެ.

ޙައްޖުގެ މަޝާއިރުގެ ފަސް ދުވަހަށްފަހު، މި މަސްތައް ބެހުމުގެ މަސައްކަތް ފެށޭނެއެވެ. މިގޮތުން 2.5 ކިލޯގެ ޕެކެޓުތަކަށް ބަހާލައިގެން، ދުނިޔޭގެ 27 އިސްލާމީ ޤައުމެއްގެ ފަޤީރުންނަށް މި މަސްތައް ހަދިޔާކުރެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެކި ޤައުމުތަކުގެ އެމްބަސީތަކާއި ޖަމިއްޔާތަކާ ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450