ވިޔަފާރި / ޚަބަރު
ޖެޓް ފިއުލްގެ އަގުހެޔޮކުރުމާއެކު ހޫނު މޫސުމުގައި ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރުވެއްޖެ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ:ރައީސް އޮފީސް
އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ޖެޓް ފިއުލްގެ އަގުހެޔޮކުރުމާ ގުޅިގެން، ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.9 ޑޮލަރުން 1.6 ޑޮލަރަށް ދަށްކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ލުޔެއް ދީ، ދަތުރުތައް އިތުރުކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ހަފުތާއަކު އެވްރެޖްކޮށް 99 ފްލައިޓު ކެންސަލްވަމުން ދިޔަ ކަމަށެވެ. ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން މިހާރު އެ އަދަދު 70 އަށް ތިރިކުރެވިފައިވާ ކަމަށާއި، މިއީ 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ގަލްފުގެ މޭޖާ ކެރިއާތަކުންވެސް އޮޕަރޭޓުކުރަން ފަށައިފި. އެމިރޭޓްސް، ގަތަރު އެއާވޭސް ހިމެނޭހެން މޭޖާ ފަސް އެއާލައިނެއް މިހާރު ރާއްޖެއަށް އޮޕަރޭޓުކުރޭ،
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާރިޗު އަދި އެޕްރީލް މަހު ފަތުރުވެރިން އައި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވި ނަމަވެސް، މި ހިނގާ މޭ މަހު ވަނީ ކުރީ މަސްތަކާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ހޫނު މޫސުމުގެ ތާވަލަށް ބަލާއިރު، ރާއްޖެއަށް އަންނަ ފަސިންޖަރުންގެ އަދަދު މިދިޔަ އަހަރަށްވުރެ ދެ އިންސައްތަ އިތުރުވާނެ ކަމަށް ވަޒީރު ލަފާކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިިއަން އިން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރަން ފެށި ސީދާ ދަތުރުތަކަކީ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއަދު މެލްބަންއިން ރާއްޖެއަށް އައި ފްލައިޓުގެ 92 އިންސައްތަ ފުރިފައި އޮތުމަކީ މި މާކެޓުގެ ފުރުޞަތު ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.