Ads by Farudhun

ޚަބަރު

ދުނިޔޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ޤީލާ

ދުނިޔޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ޤީލާ

ވަޒީރު ޤީލާ / ފޮޓޯ: ޞިއްޙީ ވުޒާރާ

20 މޭ 2026، 12:23

ދުނިޔޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، އަލުން ބައްޓަންކުރުމުގައި ޤައުމުތަކުގެ އިސްނެގުމާއި، ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ޤީލާ މިފަދައިން ވިދާޅުވެފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އާންމު ބަހުސްގައި މި ސަރަޙައްދުގެ މެންބަރު ޤަޢުމުތަކުގެ ފަރާތުން އިއްވެވި ބަޔާނުގައެވެ. ވަޒީރުގެ ބަޔާނުގައި، ދުނިޔޭގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، މިއީ ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންވީ ވަގުތުކަން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މިފަދަ ދަނޑިވަޅެއްގައިވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން ވަނީ ބަލިތައް ކޮންޓްރޯލްކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ބަލިތައް ނައްތާލުމުގައި މި ސަރަޙައްދުން ހޯދާފައިވާ ކާމިޔާބީތަކާއި، ދުންފަތާ ދެކޮޅަށް އާ ޖީލުތައް ރައްކާތެރިކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މި ސަރަޙައްދަކީ ދުނިޔެއަށް ނަމޫނާ ދައްކަމުންދާ ސަރަޙައްދެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދުނިޔޭގެ ޞިއްޙީ އޮނިގަނޑު އިޞްލާޙުކުރުމުގައި 3 މައިގަނޑު އަސާސަކަށް މި ސަރަޙައްދުން ބާރުއަޅާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ޤައުމުތަކުގެ އިސްނެގުން (ކަންޓްރީ ލީޑަރޝިޕް) މަރުކަޒީކޮށް، ހެކިތަކުގެ މައްޗައް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުކުރުމާއި، އިންސާފުވެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ކަށަވަރުކުރުމާއި، އަދި ސަރަޙައްދީ ފެންވަރުގައި ކުރިމަތިވާ ޞިއްޙީ ގޮންޖެހުންތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. މި މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި، ސަރަޙައްދީ ހާލަތްތައް ރަނގަޅަށް ދަންނަ، ޤާބިލު، އަދި ހަރުދަނާ ލީޑަރޝިޕެއް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ހުރިހާ ފަންތިއެއްގައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ.

މި ބަޔާން ނިންމަވާލައްވަމުން ވަޒީރު ވަނީ، ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުން، ޞިއްޙީ ގޮންޖެހުންތަކުން އަރައިގަނެ، މުޅި ދުނިޔެއަށް ޙަޤީޤީ ބަދަލެއް ގެނެވޭނެކަން ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން ދޭހަކޮށްދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450