Ads by Farudhun

ޚަބަރު

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި

"ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ" ހުޅުވުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2026، 01:00

20 މޭ 2026، 01:00

ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ދައުލަތުގެ ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް" (ސްޓޭޓްފާމާ) ގެ ފުރަތަމަ ފާމަސީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވައިފިއެވެ.

"ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ" ގެ ނަމުގައި މި ފާމަސީ ހުޅުވާފައިވަނީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައެވެ. މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.

ސްޓޭޓްފާމާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. މި ފާމަސީ މެދުވެރިކޮށް ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ޤާއިމްކޮށްފައެވެ. މީގެއިތުރުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ތައްޔާރީތައްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

"ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން މަސައްކަތްކުރާ ސްޓޭޓްފާމާގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށް ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގާ ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރުކާރު ފާމަސީއެއްގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި އައު ފާމަސީއާއެކު، އެ ކުންފުނީގެ ފާމަސީތަކުގައި މަސައްކަތް ކުރާނެ ފާމަސިސްޓުންނާއި އެސިސްޓެންޓުން ހޯދުމަށްވެސް މިހާރު ވަނީ އިޢުލާންކޮށްފައެވެ. މި މަޤާމުތަކަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމަށް އެ ކުންފުނިން އެދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. ބޭހުގެ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށާއި އެހީތެރިކަން ހޯދުމަށް 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރެއް (1505) ވެސް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450