ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ފްލެޓް ފޮޓޯ: އެމްއެމް
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން ބޯހިޔާވަހިކަމަށް އެދުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސް، އެފަރާތްތަކުގެ ބެލެނިވެރިންނަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކަށާއި، 18 އަހަރު ފުރިފައިނުވާ ކުދިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ. އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް މިހާރު އެފަރާތްތަކުގެ ބަދަލުގައި ކުރިމަތިލެވޭނެއެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކުން އެންސްޕާއިން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތަށްވެސް ލުއިތަކެއް ދީފައެވެ. ކުރިން އޮތް އުސޫލަށް ފެބުރުވަރީ މަހު ގެނައި ބަދަލާއެކު، މާލޭ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނެއެވެ. އަދި ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެއަށް ބަދަލުވާންޖެހިފައިވާ ފަރާތްތަކުގެ ތެރެއިން، ވޭތުވެދިޔަ 1 އަހަރު ދުވަހު މާލޭ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ޖެނުއަރީ މަހު ހުޅުވާލާފައިވާއިރު، އެހެން ހުރިހާ ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ކެޓަގަރީއަށް އިތުރުކޮށްދިން މުއްދަތާއެކު، އަންނަ މަހުގެ 15 އާ ހަމައަށް އެފަރާތްތަކަށް ފުރުޞަތު އޮންނާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.