ރިޕޯޓް
ދިވެހި ބަހުގައި "އެވެ" ބޭނުންކުރެވެނީ ރަނގަޅަށްބާ؟
ފޮޓޯ : ފަރުދުން
ދިވެހިބަހަކީ އޭގެ އަމިއްލަވަންތަ ގަވާއިދުތަކާއި އުސޫލުތަކެއް ކަނޑައެޅިފައިވާ މުއްސަނދި ބަހެކެވެ. ބަހުގެ ޖުމުލަތައް ފުރިހަމަކޮށް، މާނަ ދޭހަކޮށްދިނުމުގައި ތަފާތު އަކުރުތަކާއި ފިލިތައް ބޭނުންކުރެއެވެ. މީގެ ތެރެއިންވެސް "އެވެ" އަކީ ދިވެހި ލިޔުންތެރިކަމުގައި އެންމެ ގިނައިން ބޭނުންކުރެވޭ، އަދި ޖުމުލައެއް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަކުރެކެވެ. ނަމަވެސް، ފަހަކަށް އައިސް މި އަކުރު ބޭނުންކުރުމުގައި އާންމުންގެ މެދުގައި އޮޅުންތަކެއް އަރައި، ނުރަނގަޅު ގޮތްގޮތަށް ބޭނުންކުރެވޭކަން ފާހަގަކުރެވެއެވެ.
ފަހަކަށް އައިސް ދިވެހި ނޫސް މަޖައްލާތަކުން ލިޔެފައި ހުންނަ ލިޔުންތަކުގައި "އެވެ" ވަކިން ލިޔެފައި ހުންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް "އެވެ" އަކީ ވަކިން އޮންނަ ބަހެއް ނޫނެވެ. އެއީ ޖުމްލަ ނިންމާލުމަށް ބޭނުންކުރާ އަކުރެކެވެ.
"އެވެ" ބޭނުންކުރެވޭ މައިގަނޑު އުސޫލު
ދިވެހި ބަހުގެ ގަވާއިދު ބުނާގޮތުން "އެވެ" އަކީ މައިގަނޑު ގޮތެއްގައި ޚަބަރުދޭ ޖުމުލަތައް ނިންމުމަށް ބޭނުންކުރާ އަކުރެކެވެ. ލިޔުންތެރިކަމުގައި ޖުމުލައެއްގެ މާނަ ފުރިހަމަވެ، އެ ޖުމުލަ ނިމުނުކަން އަންގައިދޭ ނިޝާނަކީ މިއީއެވެ. މިސާލަކަށް: "އޭނާ މިއަދު ބާޒާރަށް ދިޔައެވެ." މި ޖުމުލައިގައި "ދިޔައެވެ" ބޭނުންކުރުމުން އެ ކަންތައް ނިމިއްޖެކަން ނުވަތަ އެ ޚަބަރު ފުރިހަމަވެއްޖެކަން އެނގެއެވެ.
މި އަކުރު ބޭނުންކުރުމުގައި އެންމެ މުހިންމު އެއް އުސޫލަކީ، "އެވެ" އަކީ ކުރީގައި އޮންނަ ލަފުޒާ ގުޅުވައިގެން މަސްހުނިކޮށްގެން ލިޔަންޖެހޭ އަކުރަކަށް ވުމެވެ. ދިވެހިބަހުގެ އެކަޑަމީގެ ގަވާއިދުގައިވާ ގޮތުން، ލަފުޒުތަކާ މެހޭ އަކުރުތައް ލިޔާނީ އެ އަކުރެއް މެހޭ ލަފުޒަކާ ވަކިނުކޮށެވެ. އެގޮތުން "އަންނާނެއެވެ"، "ހުންނާނެއެވެ"، "ރުކެކެވެ" ފަދަ ލަފުޒުތައް ލިޔަނީ މި އުސޫލުންނެވެ.
ކޮންމެ ޖުމުލައަކަށް "އެވެ" އިތުރުކުރުން: ބައެއް ލިޔުންތެރިންނަށް ހީވެފައި އޮންނަނީ ކޮންމެ ޖުމުލައެއްގެ ފަހަތަށް "އެވެ" އިތުރުކުރުމަކީ ބަހުގެ ރީތިގޮތް ކަމަށެވެ. ނަމަވެސް، ވާހަކަ ދައްކާ ފުރޭމެއްގައި ނުވަތަ ބައެއް ކަހަލަ އަދަބީ ލިޔުންތަކުގައި މާ ގިނައިން "އެވެ" ބޭނުންކުރުމުން ބަހުގެ އޮއިވަރަށް ބުރޫއަރައެވެ.
ސުވާލު މާކާއި އެކު ބޭނުންކުރުން: ބައެއް މީހުން ސުވާލު ކުރާއިރުވެސް "އެވެ" ބޭނުންކުރާ ތަން ފެނެއެވެ. މިސާލަކަށް "ކިހިނެއްވީއެވެ؟" މިގޮތަށް ބޭނުންކުރުމަކީ ބަހުގެ ގަވާއިދާ އެހާ ރައްޓެހި ގޮތެއް ނޫނެވެ. ސުވާލު މާކު ބޭނުންކުރާނަމަ "ވީ ކިހިނެއް؟" ނުވަތަ "ކިހިނެއްވީ؟" މިގޮތަށް ބޭނުންކުރުން މާ ބޮޑަށްވެސް ރަނގަޅެވެ.
ތަރުޖަމާގެ ނުފޫޒު: އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާއިރު، އިނގިރޭސި ބަހުގެ "is/am/are" ފަދަ ލަފުޒުތަކުގެ ބަދަލުގައި ހުރިހާ ތަނަކަށް "އެވެ" ލުމުގެ އާދަ ވަނީ އަށަގެންފައެވެ. މީގެ ސަބަބުން ޖުމުލައިގެ ތަރުތީބު ގެއްލި، ބަހުގެ އަސްލު މާނަ ފަނޑުވެގެންދެއެވެ.
ރަނގަޅަށް ބޭނުންކުރާނެ ގޮތް
"އެވެ" ބޭނުންކުރަންވާނީ ހަމައެކަނި ރަސްމީ ލިޔުންތަކުގައާއި، މައުލޫމާތު ފޯރުކޮށްދޭ ޚަބަރުދޭ ޖުމުލަތަކުގައެވެ. ޅެންވެރިކަމާއި، މިނިވަން ލިޔުންތަކާއި، ވާހަކަދެއްކުމުގެ ބަހުރުވައިގައި "އެވެ" ބޭނުންކުރުމުގެ ބަދަލުގައި ޖުމުލަ ނިންމާލުމަށް އެހެން ގޮތްގޮތް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް: "އޭނާ އަންނަނީ" މިއީ ވާހަކަދެއްކުމުގައި ފުރިހަމަ ޖުމުލައެކެވެ. ނަމަވެސް ރަސްމީ ރިޕޯޓެއްގައި ނަމަ "އޭނާ އަންނަނީއެވެ" މިގޮތަށް ލިޔުން މުހިންމެވެ. މިގޮތަށް ލިޔާއިރު ލަފުޒުތައް ވަކިކޮށް ލިޔުމަކީ ޖުމުލައިގެ މާނަ ދޭހަވާން ފަސޭހަކޮށްދޭ ކަމެކެވެ. ދިވެހިބަސް ބެހިފައިވާ މައިގަނޑު ބައިތަކުގެ ތެރެއިން އަކުރު ފިޔަވައި އެހެން ބައިތައް (ނަން، ކަން، ނަންއިތުރު، ކަންއިތުރު) ކޮންމެ ހާލަތެއްގައިވެސް ވަކީން ލިޔަންވާނެއެވެ.
ކޮންމެ ބަހަކީވެސް އެ ބަހެއްގެ އުސޫލުތަކުގެ މަތީގައި ދެމިއޮންނަ އެއްޗެކެވެ. ދިވެހި ބަހުގައި "އެވެ" ބޭނުންކުރެވެނީ ކޮންމެހެންވެސް ރަނގަޅަށްތޯ ބަލާއިރު، ގިނަ ފަހަރަށް މިއީ އާދަކާދައިގެ މަތިން ބޭނުންކުރެވޭ އަކުރަކަށް ވަނީ ވެފައެވެ. ބަހުގެ މުއްސަނދިކަން ހިފެހެއްޓޭނީ "އެވެ" ބޭނުންކުރަންޖެހޭ ތަނުގައި ބޭނުންކޮށް، ބޭނުންކުރަން ނުޖެހޭ ތަންތަނުގައި އެ އަކުރު ބޭނުންކުރުމުން ދުރުހެލިވެގެންނެވެ. ލިޔުންތެރިންނާއި، ނޫސްވެރިން އަދި ދަރިވަރުން މިކަމަށް ސަމާލުކަން ދިނުމަކީ ދިވެހި ބަހުގެ އަސްލު ސިފަ ދެމެހެއްޓުމަށް ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެކެވެ.
ބޮޑު ނޫހަކުން ނުވަތަ މޮޅު ލިޔުންތެރިއަކު ލިޔެފައި ހުންނަ ލިޔުންތައް ބަލައިގެން ނަކަލު ކުރުމުގެ ބަދަލުގައި ދިވެހި ބަހުގެ ގަވާއިދުގައި އޮންނަ ގޮަތް އަމިއްލައަށް ބަލައި ދިރާސާ ކުރުމަށްފަހު ލިޔަން އެބަ ޖެހެއެވެ. ނަކަލުކޮށް ލިޔުމުން ގިނަ ފަހަރަށް ދިވެހި ބަހުގެ އަސްލު އޮޅި، ދިވެހިބަހުގެ މުއްސަދިކަން ގެއްލެއެވެ.