ޚަބަރު
ޙުއްދަ ނޫން ބޭސް އެތެރެކޮށް ވިއްކާތީ އެމްއެފްޑީއޭއިން ކަންބޮޑުވުން ފާޅުކޮށްފި
ޤަވާއިދާ ޚިލާފަށް ވިއްކާކަމަށް އެމްއެފްޑީއޭއިން ހާމަކޮށްފައިވާ ބައެއް ބޭސްތައް---
ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ޙުއްދާ ނޫން ގިނަ އަދަދެއްގެ ބޭސްތަކެއް ވިއްކާތީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، ބޭސް އެތެރެކުރުމުގެ ޙުއްދަ ނެތް ފަރާތްތަކުން، އެކި ގޮތްގޮތަށް ތަފާތު ބޭސްތައް ރާއްޖެ އެތެރެކޮށްގެން އޮންލައިންކޮށާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަމަށް އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، މިފަދަ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރުވެފައިވާ ބޭސްތަކެއް ނޫންކަމުން، މި ތަކެތީގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ނުވާނެކަމަށެވެ. އަދި މި ތަކެތި ބޭނުންކުރާ ފަރާތްތަކަށް ޞިއްޙީ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެފަދަ ކަމެއްދިމާވެދާނެތީ، އެކަމަށް އިންޒާރުދީފައި ވެއެވެ.
މީގެއިތުރުން، މިފަދަ ތަކެއްޗަކީ ބޭހާ ބެގޭ ޤަވާއިދުގެ ދަށުން ރެޖިސްޓްރީކޮށް، ރާއްޖޭގައި ބޭނުންކުރުމުގެ ޙުއްދަދީފައިވާ ތަކެތި ނޫންކަމުން، މިއީ މުޅިން މަނާކަމެއްކަމަށް ވެސް އެ އިޢުލާންގައި ވަނީ ބުނެފައެވެ.
މި އިޢުލާންގައި އެމްއެފްޑީއޭއިން ވަނީ މިގޮތަށް ވިއްކާ 21 ބޭހުގެ ލިސްޓެއްވެސް ޙިއްސާކޮށްފައެވެ. އެގޮތުން މީގައި އެންމެ ގިނައީ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ބޭހާއި ހަންގަނޑު އަލިކުރުމަށް ބޭނުންކުރާ ބޭހެވެ. މީގެ އިތުރުން ހިންގްތައި ބާމް / އިންހޭލާ އާއި މޫވް ސްޕްރޭ އަދި މޫވް އޮއިންޓްމެންޓް ވެސް ހިމެނެއެވެ.