ޚަބަރު
ރެސްކިއު އޮޕަރޭޝަންގައި ދިމާވި ހިތާމަވެރި ހާދިސާ ތަހުޤީޤު ކުރަން ފަށައިފި
ޑޭންގެ ޑައިވަރުން ކޭވްއަކަށް ޑައިވްކުރަނީ---
ވ. އަތޮޅުގައި ހުންނަ ކަނޑުއަޑީގެ ކޭވްއަކަށް ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ތަހުޤީޤެއް ފަށާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ހާމަކޮށްފިއެވެ.
މަހުދީ ނިޔާވީ ރެސްކިއު ޑައިވެއްގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު، ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާދެމުން ދަނިކޮށެވެ.
މަހުދީ ނިޔާވުމާ ގުޅިގެން، ގެއްލުނު ހަށިގަނޑުތައް ހޯދުމުގެ އޮޕަރޭޝަން މެދުކަނޑާލިއެވެ. އަދި ފަހުން އޮޕަރޭޝަން ފެށީ މިފަދަ ޑައިވްތަކަށް ޚާއްޞަ ޑައިވް ޓީމަކުންނެވެ. އެގޮތުން ގެއްލުނު ހަށިގަނޑުތައް ހޯދީ، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް، އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)އިން ހޯމަދުވަހު ބުނެފައިވެއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން އިސްނަގައިގެން ވެސް އަންނަނީ ތަޙުޤީގެއް ހިންގަމުންނެވެ.