ޚަބަރު
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އިސްވެރިއަކަށް ޑރ. މާހިދު ޢައްޔަނުކުރައްވައިފި
ޑރ. މާހިދު / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މ. ވެލަގަލި، ޑރ. މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކުރައްވައިފިއެވެ.
ވަޒީރުންގެ ފެންވަރުގައި ޑރ. މުޙައްމަދު މާހިދު ޝަރީފު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، 18 މޭ 2026 ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ވިދާޅުވީ، ޑރ. މާހިދަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން މާހިދު ވަނީ ފުރުއްވާފައެވެ. އަދި މި މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމުގައެވެ. ޑރ. މާހިދު ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ޑރ. މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެކެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރެއްވި އޮފީހެކެވެ. މި އޮފީސް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިޢުލާންކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ.
ހަމަ އެއާއެކު، މި ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމްކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.