ޚަބަރު
މިނާގައި ޙައްޖުވެރިން ތިބޭ ޓެންޓުތަށް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ބައްލަވާލައްވައިފި
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ޓެންޓުތައް ބައްލަވާލެއްވުން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޙައްޖުގެ އަޅުކަމުގެ ތެރެއިން މިނާގައި ޙައްޖުވެރިން ތިބޭ ޓެންޓުތަކުގެ އިންތިޒާމުތައް ހަމަޖައްސަމުންދާގޮތް ބައްލަވާލެއްވުމަށް، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ޓެންޓުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިނާގެ ޓެންޓުތަކުގައި ޙައްޖުވެރީން ނިދުމަށް ހަމަޖެހިފައި ވަނީ ހަނިކޮށް ހުންނަ ސޯފާ އެނދުތަކެއްގައެވެ. އެމްޑީ ޝަކީލް ވިދާޅުވީ މި އެނދުތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން، ޙައްޖުވެރީންނަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަން ވެސް ޝަކީލް ފާހަގަކުރެއްވިއެވެ.
ދިވެހި ޙައްޖުވެރިން މިނާއަށް ވަޑައިގަތުމުގެ ކުރިން، ވާންޖެހޭ ތައްޔާރީތައް ފުރިހަމަކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ޓީމުން މިނާގައި ހަރަކާތްތެރިވަމުން އެބަދޭ. އެންމެ ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައްތަކާ ހަމައަށް ހުރިހާކަމެއް ވެސް މިދަނީ ވަރަށް ކައިރިން ބަލަމުން.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޝަކީލް އިތުރަށް ވިދާޅުވީ، އެ ކޯޕަރޭޝަނާއި ޖުމްލަ ގޮތެއްގައި މުޅި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޙައްޖުވެރީންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށެވެ.
މި އަހަރުގެ ޙައްޖުގެ މަތިވަރި އަޅުކަމަށް ދިއުމަށް ފުރުސަތު ލިބުނު ދިވެހި ހުރިހާ ޙައްޖުވެރީން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. އެންމެ ފަހު ގްރޫޕް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.