ދުނިޔެ
ޣައްޒާގެ ކުޑަކުދިންގެ ހުވަފެންތައް އެވަރެސްޓްގެ ކުންނަށް ފޯރުކޮށްދީފި
އުރުދުންގެ ފަލަސްތީނު ދަރިކޮޅުގެ މައުންޓަނިއަރ މުސްތަފާ ސަލާމާ. ފޮޓޯ: ސޯޝަލް މީޑިއާ
ޣައްޒާގެ ކުޑަކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހިމެނޭ މެސެޖުތައް ލިޔެފައިވާ ކައިޓެއް ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓްގެ ކުންނަށް ފޯރުކޮށްދީފިއެވެ.
މި މެސެޖުތައް އެވަރެސްޓްގެ ކުންނަށް ގެންގޮސްފައިވަނީ ފަރުބަދައަށް އަރާ ބައިނަލްއަޤުވާމީ ޓީމަކުންނެވެ.
މި އެކްސްޕެޑިޝަންގައި އިސްކޮށް އުޅުއްވި އުރުދުންގެ ފަލަސްތީނު ދަރިކޮޅުގެ މައުންޓަނިއަރ މުސްޠަފާ ސަލާމާ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، އެ ޓީމަށް އެވަރެސްޓްގެ ކުންނަށް އެރިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:48 ގައެވެ. އިޓަލީގެ ފިލްމު އުފައްދާ ލިއޮނާޑޯ އަވެޒާނޯ އިސްވެ ހުރެ، ނޭޕާލްގެ ޝާޕާއިންގެ އެހީތެރިކަމާއެކު މި ކައިޓް ކުންނަށް ގެންދިޔައީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންގެ އަޑު ދުނިޔެއަށް އިއްވުމަށެވެ.
މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް 10 މިލިއަން ޑޮލަރު ހޯދުމާއި، އެ ކުދިން ތަހައްމަލު ކުރަމުންދާ ތަދުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމެވެ. ސަލާމާ ބުނި ގޮތުގައި "މިއީ ހަމައެކަނި ފަރުބަދައަކަށް އެރުމެއް ނޫން، މިއީ އިންސާނިއްޔަތާއި އުންމީދުގެ ދަތުރެއް" ކަމަށެވެ. އަދި އަނދިރިކަމުގެ ތެރެއިން ވެސް ރީތި ކަމެއް އުފަންވެދާނެކަން މީގެން ސާބިތުކޮށްދޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ ކުރިން ހަތަރު ފަހަރު އެވަރެސްޓް ކާމިޔާބުކޮށްފައިވާ ސަލާމާ، މި ފަހަރުގެ ދަތުރުގައި ކުންނަށް ނޭރީ އަތަށް ލިބުނު ފިނިހޫނުމިނުގެ އަނިޔާއަކާއި ލޭގަނޑުވުމުގެ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އޭނާ ބޭސް ކޭމްޕުގައި ހުރެ ޓީމުގެ މަސައްކަތް ބަލަމުންދިޔައެވެ. އޭނާ ބުނި ގޮތުގައި 8,000 މީޓަރުގެ އުސްމިނުގައި އޮކްސިޖަން މަދުވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކަލަކީ ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރާ ކަންކަމާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.
ސަލާމާއަކީ ދުނިޔޭގެ ހަތް ބައްރުގެ އެންމެ އުސް ފަރުބަދަތަކާއި ދެ ތަނޑިއަށް ދަތުރުކޮށް "އެކްސްޕްލޯރާސް ސްލޭމް" ފުރިހަމަކޮށްފައިވާ މަދު މީހުންގެ ތެރެއިން އެކެކެވެ. އޭނާ ބުނީ ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން އޭނާ ދަސްކުރީ އަބުރުވެރިކަމާއި، މިނިވަންކަމާއި، އަދި ކޮންމެ ހާލަތެއްގައިވެސް އަމިއްލަ ވަޒަނުގައި ސާބިތުވެ ތިބުމުގެ މުހިންމުކަން ކަމަށެވެ.
މި މިޝަން އަދި މުޅިން ނުނިމޭކަން ފާހަގަކުރަމުން ސަލާމާ ބުނީ، ކުންނަށް އެރުމަކީ ދަތުރުގެ ދެބައިކުޅަ އެއްބައި ކަމަށާއި، ދެން އޮތް އެންމެ ބޮޑު އަމާޒަކީ ޓީމު ރައްކާތެރިކަމާއެކު އަނބުރާ ބޭސް ކޭމްޕަށް އައުން ކަމަށެވެ. އޭނާގެ ވީޑިއޯ މެސެޖު ނިންމާލާފައިވަނީ "ފްރީ، ފްރީ ޕަލެސްޓައިން" މި ޝިއާރާއެކުގައެވެ.