ޚަބަރު
އަޟްހާ ޢީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން
އިމިގްރޭޝަން އޮފިސަރަކު ޕާސްޕޯޓު ދޫކުރަނީ / ފޮޓޯ: އިމިގްރޭޝަން
މި އަހަރުގެ އަޟްހާ ޢީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ދިވެހި ޕާސްޕޯޓަށް އެދި މިހާރު ހުށަހަޅަން ޖެހެނީ އޮންލައިންކޮށްކަމުން، މި ޚިދުމަތަށް އެދި 24 ގަޑިއިރު ހުށަހެޅެއެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މާލޭ އޮފީހާއި، ހުޅުމާލެ އޮފީސް އަދި އައްޑޫ އޮފީހުން، އަޟްހާ ޢީދު ބަންދުގައި، މެއި މަހުގެ 27ވަނަ ދުވަސް ފިޔަވާ އެހެން ދުވަސްތަކެއްގައި އެ ޚިދުމަތް ލިބޭނެ ކަމަށެވެ.
އެގޮތުން މާލޭ އޮފީހުން އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 08:30އިން ފެށިގެން ހަވީރު 5:00އަށް ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ އަދި އައްޑޫ އޮފީހުން ޕާސްޕޯޓު ދޫކުރަނީ ހެނދުނު 08:30އިން ފެށިގެން 16:00އަށް ކަމަށެވެ. އަދި މި އޮފީސްތަކުން ހުކުރު ދުވަހު ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:00އިން 11:00އަށެވެ.
މިއަހަރުގެ އަޟްހާ ޢީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބިލައްވާނެ!
— Maldives Immigration (@ImmigrationMV) May 21, 2026
#MaldivesImmigration #DhivehiPassport pic.twitter.com/6EmWUe9BHH
މީގެއިތުރުން ހދ. ކުޅުދުއްފުށި، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ، ލ. ފޮނަދޫ، ށ. ފުނަދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށީގައި ޤާއިމްކޮށްފައިވާ އިމިގްރޭޝަން އޮފީސްތަކުން 24 އަދި 25 މެއިގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މި އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.
ހަމައެއާއެކު މެޑިކަލް އެމަޖެންސީ ކޭސްތަކުގައި 9555333އަށް ގުޅުމުން، ކޮންމެ ގަޑިއެއްގައި ވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.