ޚަބަރު
މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށައިފި
ސްޓެލްކޯގެ ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފޮޓޯ: ސްޓެލްކޯ
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން، އެ މައްސަލަ ހައްލުކޮށް ގިނަ ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ދިމާވި ވަގުތުން ފެށިގެން އެ ކުންފުނީގެ އިންޖިނިއަރުން ވަނީ ހިދުމަތް އިއާދަކުރުމުގެ މަސައްކަތް ފަށާފައެވެ.
އެ ކުންފުނިން ބުނީ، ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ބޮޑު ބަޔަކަށް މިހާރު ވަނީ އަލުން ހިދުމަތް ދެވިފައި ކަމަށެވެ. އަދި މިހާތަނަށް ކަރަންޓު ނުލިބި ހުރި މަދު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ. އެ ކުންފުނީގެ އަމާޒަކީ ވީއެންމެ އަވަހަކަށް ހުރިހާ ސަރަހައްދަކަށް ހިދުމަތް ފޯރުކޮށްދީ، މައްސަލަ އެއްކޮށް ހައްލުކުރުމެވެ.