ޚަބަރު
އެމްޑީޕީ ރޫޅާލެއްވި މައްސަލާގައި ކުރީގެ ރައީސް ނަޝީދު މާފަށް އެދިވަޑައިގެންފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް މާފަށް އެދިވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި އާންމު މެންބަރަކު ކުރި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކޮށްލުމަކީ އެމަނިކުފާނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
އަޅުގަނޑަށް ވުރެ ދެރަވާނެ މީހަކު ނުހުންނާނެ މި ޕާޓީ ދޫކޮށްދާކަށް. އަޅުގަނޑުގެ މުޅި ހަޔާތް މިއީ. އަޅުގަނޑު ހަމަ މާފަށް އެދެން،
ނަޝީދު ވިދާޅުވި އެވެ.
ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބުތައް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށްފަހު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެމަނިކުފާނާ ވާހަކަފުޅު ނުދައްކަވާ ކަމަށެވެ.
އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ގޮތާމެދު ހުރި ކަންބޮޑުވުންތަކާއި، އެމަނިކުފާނުގެ އަރިސް މެންބަރުން ކަމަށްވާ އީވާ ޢަބްދުﷲ އާއި ޙަސަން ލަތީފް ފަދަ ބޭފުޅުން ޕާޓީން ވަކިކުރަން އުޅުމަކީ ޕާޓީ ދޫކޮށްލަން މަޖުބޫރުވި ސަބަބުތައް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ގެއްލުނީ އެމަނިކުފާނު ޕާޓީން ވަކިވުމުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭރުގެ ކެންޑިޑޭޓުގެ ކިބައިގައި އިންތިޚާބު ކާމިޔާބު ކުރުމުގެ ފެންވަރު ނެތީއެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' އުފެއްދެވި ނަމަވެސް، މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ކުރިއަށް އޮތް ޗެއާޕާސަންގެ އިންތިޚާބުގައި ނަޝީދު ވާދަކުރައްވާއިރު، ކުރީގެ ރައީސް ޞާލިޙު ތާއީދުކުރައްވަނީ ނަޝީދާ ވާދަވެރި ކެންޑިޑޭޓް މީކާއިލް އަހުމަދު ނަސީމަށެވެ. މިއީ ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ނަޝީދު މާފަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.