ޚަބަރު
ހިމަބިހި ފެތުރެމުންދާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި
އައިޖީއެމްއެޗް ފޮޓޯ: ޑަބްލިއުއެޗްއޯ
ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި މި ހެލްޕް ޑެސްކް ގާއިމްކޮށްފައިވަނީ ބޮޑެތިމީހުންގެ ކުއްލި ފަރުވާދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައެވެ. މި ޑެސްކުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ރޭގަނޑު 23:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުން، ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލުގެ އިމަޖެންސީން ފަރުވާ ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އައިޖީއެމްއެޗުން އިލްތިމާސްކުރަނީ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން އެއްވެސް މީހެއްގެ ކިބައިން ހުމާ އެކު ރަތްކުލައިގެ ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށެވެ.
ހިމަބިއްސަކީ މީގެކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ ޖުމުލަ ހަތް ކޭހެއް ފެނިފައެވެ. އަދި މި ކޭސްތަކާ ގުޅުންހުރި (ކޮންޓެކްޓްވި) 74 އަށް ވުރެ ގިނަ މީހުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ބަލި މީހާ އެކަހެރިވުމަށް ސިއްހީ މާހިރުން ލަފާދެއެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭފަތުން ފެން އައުމުގެ އިތުރުން ލޯ ރަތްވުން ފަދަ ކަންކަން ހިމެނެއެވެ. އަދި ބަލީގެ ބިހިތައް ފެންނަން ފަށާނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.