Ads by Farudhun

ޚަބަރު

ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަކުން ނުނެގޭނެ، އެ ފުރުސަތެއް ނުދޭނަން: އަބްދުއްރަޙީމް

ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަކުން ނުނެގޭނެ، އެ ފުރުސަތެއް ނުދޭނަން: އަބްދުއްރަޙީމް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ފޮޓޯ: ޕީއެންސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 މޭ 2026، 09:15

24 މޭ 2026، 09:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެގޭނެ ކަމަށާއި، އެފަދަ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީގައި ރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައިވާ ވާހަކަފުޅަށް ރައްދު ދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން "ނަނާ ހުވަފެން" ނުދެއްކުމަށެވެ. އަދި މަޖިލީހުގެ ތެރެއިން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ރައްޔިތުން ހައްލަން، ރައްޔިތުން ވާވައްދަން، ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ނޯންނާނެ. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގަ،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޙައްޤުވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށް ވިދާޅުވެ، އަބްދުއްރަޙީމް ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައްޑޫގެ މުހިއްމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓަކު މަޖިލީހަށް ހޮވަން އައްޑޫ ރައްޔިތުން ބޭނުންނުވާނެ ކަމަށެވެ.

އަބްދުއްރަޙީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީއަށް ބޭނުންވާ ހަގީގީ ތަރައްޤީ ގެނެސްދެވޭނީ ހަމައެކަނި ރައީސް މުޢިއްޒުގެ ސަރުކާރަށެވެ. އަދި މި ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވި މުޙައްމަދު ސިނާން (ސިނާ) އާއެކު ޕީއެންސީން މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިޚާބަކީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށްވެސް ސިޔާސީ ގޮތުން ވަރަށް މުހިއްމު އިންތިޚާބެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450