Ads by Farudhun

ޚަބަރު

ސޯދިގަށް އައްޑޫއަށް ޚިދުމަތްކުރަން ފުރުސަތު ލިބިވަޑައިގަތް، ކަމެއް ނުކޮށްދެއްވުނު: ވަޒީރު ޝިޔާމް

ސޯދިގަށް އައްޑޫއަށް ޚިދުމަތްކުރަން ފުރުސަތު ލިބިވަޑައިގަތް، ކަމެއް ނުކޮށްދެއްވުނު: ވަޒީރު ޝިޔާމް

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 މޭ 2026، 10:12

24 މޭ 2026، 10:12

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) އަށް، އައްޑޫ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ދިގު މުއްދަތުގައި އެއްވެސް ކަމެއް ކޮށްދެއްވިފައި ނުވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ސޯދިގަކީ 2008 އިން ފެށިގެން ސަރުކާރުގެ މުހިންމު މަގާމުތަކާއި، 2011 އިން 2021 އަށް އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އައްޑޫގެ ތަރައްގީއަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ސިޓީއަށާއި މި ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތީ. މި އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ބޭފުޅަކީ އަބްދުﷲ ސޯދިގު،" ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީން ސޯދިގަށް ނޫނެކޭ ބުނުމުންވެސް، އޭރުގެ ސަރުކާރުން އޭނާ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ކަމަށެވެ. ނަމަވެސް އައްޑޫގެ އުމްރާނީ އަދި އިގުތިސާދީ ތަރައްގީ އޮތީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެކު އެ ދާއިރާގެ ގޭގެއަށް ކުރެއްވި ޒިޔާރަތުން، ރައްޔިތުން ތަރައްގީއަށް ފެންބޮވައިގަނެފައި ތިބި މިންވަރު ހާމަވެގެންދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ތެރޭގައި އޮތް "ދެ ރައީސުންގެ" މައްސަލަ ހައްލުކުރުމުގައި ސޯދިގު ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެތީ، ރައްޔިތުންގެ ކަންކަމަށް އޭނާއަށް ވަގުތު ނުލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވަނީ ތަރައްގީ ބޭނުންވާނަމަ، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މެންބަރަކު ހޮވުމަށާއި، ސޯދިގަށް "ނޫނެކޭ" ބުނުމަށް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450