ޚަބަރު
ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ސައިކަލް ޕާކުކުރެވޭ ޖާގައެއް ތަރައްޤީކުރަނީ
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ފޮޓޯ: ޕީއެސްއެމް
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ، ބޭންކް އޮފް ސިލޯން ކުރިމަތީގައި އޮންނަ 1400 އަކަފޫޓުގެ ސަރަޙައްދުގައި 588 ސައިކަލް ޕާކުކުރެވޭނެ ސްލޮޓް ތަރައްޤީކުރަމުންދާ ކަމަށެވެ. މިއީ އެ ސަރަޙައްދަކީ ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކާއި، މާލޭގެ ބާޒާރުމަތީގެ އިތުރުން ގިނަ އަދަދެއްގެ އޮފީސްތައް ހުންނަ ކާރޫބާރޫ ބޮޑު ސަރަޙައްދަކަށް ވުމުން، އާންމުންނަށް ދިމާވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.
މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަގު ފެހިކުރުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން މަގު ފުޅާކުރުމަށް ނަގަންޖެހުނު ގަސްތައް އަލުން އިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރުވެސް ނަސަންދުރާ ކުރިމަތީގައާއި އެފްއެސްއެމް އޮފީސް އިމާރާތް ހުރި ސަރަޙައްދުގައި ގަސްތައް އިންދާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއަށް ބައެއް ޖެއްސުމަށް ކުރަންޖެހޭ ޝީޓްޕައިލް ކުރުމުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީގެ އަމާޒަކީ މި މަސައްކަތް ކުރިއަށްދާ ހުރިހާ ސެގްމަންޓުތަކެއް ނިންމައި، އަންނަ ޖޫން މަހުގެ ނިޔަލަށް މަގު އެއްކޮށް ހުޅުވާލުމެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 838 މީޓަރުގެ ސަރަޙައްދެކެވެ. މިއީ ޖުމްލަ 144 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.