ޚަބަރު
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު ޢަލީ އައްޔަންކުރައްވައިފި
ޢަބްދުލްމަޖީދު ޢަލީ ފޮޓޯ: ޕެންޝަން އޮފީސް
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް، މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޢަބްދުލްމަޖީދު ޢަލީ އައްޔަންކުރައްވައިފިއެވެ. ޕެންޝަން އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މަޖީދު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް އައު ބޭފުޅަކު އައްޔަން މިކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޢަބްދުލްމަޖީދު ޢަލީ އަކީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
މަޖީދަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓަރޑް އޮޑިޓް ކުންފުންޏެއް ހިންގަވާ، މާލީ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ބޭންކް އޮފް ސިލޯންގައި މަސައްކަތްކުރައްވައި، ބޭންކިންގ އަދި ފައިނޭންސްގެ ރޮނގުން ވަނީ ތަޖުރިބާ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެންބަރުކަމާއި، އެ އޮތޯރިޓީގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ މެންބަރުކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، މަޖީދު ވަނީ ވޭލްސްގެ ކާރޑިފް ޔުނިވަރސިޓީން 'މާސްޓަރ އޮފް ސައިންސް އިން އިންޓަރނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް' ޙާޞިލްކުރައްވާފައެވެ. ޕެންޝަން އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މަޖީދަކީ މާލީ ދާއިރާގެ ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.
މަޖީދު ޗެއަރޕާސަންގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން، ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުގެ ގޮތުގައި ހުސްވި މަޤާމަށް، ހައްޖު ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޔާމީން އިދްރީސް ވަނީ އައްޔަންކުރައްވާފައެވެ.