ޚަބަރު
މި ދުވަސްވަރު ބަލިތައް ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި
ނ. ވެލިދޫގެ ޢީދު ކުޅިވަރުގެ ތެރެއިން / ފޮޓޯ: ވެލިދޫ ކައުންސިލް
މި ދުވަސްވަރު މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ގިނަ ބަލިތައް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އަދި އަރިދަފުސް ރޯގާ އާންމުކޮށް ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓުކޮށްފައި ވާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ކުރިޔަށް އޮތީ ޢީދު ދުވަސްތައް ކަމަށްވެފައި މިއީ ދިގު ޗުއްޓީއެއް ލިބޭ ދުވަސްވަރެއް ކަމުން ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާނެކަމަށާއި، އަދި މީހުން އެއްވެ އުޅުން އިތުރުވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަން:
- ހުންއައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
- ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން.
- ޞިއްޙީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.
- ހިމަބިހީ އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
- އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު
- ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުން.
- ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުން.
- ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.
މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުން:
- މަދިރިހެފުމުން ރައްކާތެރިވުމަށް DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން
- ހަށިގަނޑު ބޮޑަށް ނިވާވާގޮތައް ހެދުންއެޅުން
- މަދިރިގެ ބޭނުންކުރުން
- ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެހެން ދާ ޖެހުން
- ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުން
އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ޙިއްޞާކުރާ މައުލޫމާތަށް ބަރޯސާވުމަށެވެ.