Ads by Farudhun

ޚަބަރު

15 ރަށެއްގެ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

15 ރަށެއްގެ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

ރ.ވާދޫގައި ޤާއިމުކުރި ލެބޯޓަރީ ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 10:27

25 މޭ 2026، 10:27

ރާއްޖޭގެ ރަށްރަށުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، 15 ރަށެއްގެ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާންކޮށްފިއެވެ.

މިއީ އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ވަނީ އަލަށް ފަށާފައެވެ.

ޞިއްޙީ ވުޒާރާއިން މިފަހަރު އިޢުލާންކޮށްފައިވާ ރަށްތަކަކީ:

  1. ހއ. މުރައިދޫ
  2. ށ. ގޮއިދޫ
  3. ނ. ކުޑަފަރި އަދި ނ. ފޮއްދޫ
  4. ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ
  5. ބ. ކުޑަރިކިލު އަދި ބ. ދޮންފަނު
  6. އދ. ދިއްދޫ
  7. މ. ރަތްމަންދޫ
  8. ތ. އޮމަދޫ އަދި ތ. ގާދިއްފުށި
  9. ލ. މުންޑޫ އަދި ލ. ކުނަހަންދޫ
  10. ރ. ފައިނު


މި ރަށްތަކުގައި ލެބޯޓަރީ އިމާރާތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން [email protected] އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، ލެބޯޓަރީގެ ޚިދުމަތް މިހާތަނަށް ލިބެން ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމެވެ. ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ސިއްޙީ ޚިދުމަތަކަށް ވާއިރު، މީގެ ސަބަބުން ބަލިތައް ދުރާލާ ދެނެގަނެވި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މިހާރު އަތޮޅުތަކުގެ ގިނަ ރަށްތަކުގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، ރައްޔިތުންނަށް ޖެހެނީ ބޮޑު ހޭދައެއްކޮށްފައި މާލެއަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލްތައް ހުންނަ ރަށްރަށަށް ދަތުރުކުރާށެވެ. ކޮންމެ ރަށަކުން މި ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450