ޚަބަރު
ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައަޅާ މަންސަތަކުގައި ރާއްޖެއަކީ ރާއްޖެއަކީ ބަސްވިކޭ، އަޑުގަދަ ޤައުމެއް : ވަޒީރު
ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފޮޓ: ވުޒާރާ
ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައަޅާ ބައިނަލްއަޤްވާމީ މަންސަތަކުގައި ދިވެހިރާއްޖެއަކީ ވަރަށް ހަރަކާތްތެރި އަދި އެހާމެ ނަތީޖާ ނެރޭ ޤައުމެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރާ މަސްރަޙުތަކުގައި ރާއްޖެއަކީ ބަސްވިކޭ، އަޑުގަދަ ޤައުމެކެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މަހަށް ހަމައަގު ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި "މަސްވެރި ޕޮލިޓިކްސް" ގެ ތެރެއިން ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ޚާއްޞަކޮށް، ރާއްޖޭގެ މަހުން ބޮޑެތި ޓެރިފްތައް ނަގާ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، އެ ޓެރިފްތައް ކުޑަކުރުމާއި ޒީރޯ ޕަސެންޓަށް ތިރިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި މަސައްކަތްތަކުގެ ކާމިޔާބީއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދާދި ފަހުން ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުމަކީ މީގެ ރަނގަޅު މިސާލެއް ކަމަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓިއިރު، ހުށަހެޅުނު 7 ކަމެއްގެ ތެރެއިން 3 ހުށަހެޅުމަކީ ސީދާ ރާއްޖޭގެ ހުށަހެޅުންތަކެވެ. އަދި އެ ހުރިހާ ހުށަހެޅުމެއް ފާސްވެގެން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން 250 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ މަސް ގަންނަ ޤައުމުތަކާއި މި ސިނާޢަތުގައި ރާއްޖެއާ ވާދަވެރި ޤައުމުތައް ހިމެނެއެވެ. ރާއްޖޭގައި މިފަދަ ބައްދަލުވުމެއް ބޭއްވުމުން، ދިވެހި މަސްވެރިކަމުގެ މުހިންމުކަން އެފަރާތްތަކަށް ހާމަވެ، ރާއްޖެއިން ބޭނުންވާ މަޤްޞަދުތައް ހާސިލްކުރުމަށް ބާރަކަށްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ރާއްޖެއަށް އިންޑިއާ ކަނޑުން ލިބިފައިވާ ކޯޓާ ދަށްވިޔަނުދީ ހިފެހެއްޓުމަށެވެ. މި ފަހަރުގެ ބައްދަލުވުމުގައި އެކަން ކާމިޔާބު ކުރެވުނުކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިކަން ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.