ކުޅިވަރު / ޚަބަރު

ފުޓުބޯޅައަކީ ދުނިޔެ ބަދަހިކޮށްދޭ ވަސީލަތެއް، މިއީ ޒިންމާދާރު ރައްޔިތުން ބިނާކުރާ ކުޅިވަރެއް: މެޑަމް ސާޖިދާ

ފުޓުބޯޅައަކީ ދުނިޔެ ބަދަހިކޮށްދޭ ވަސީލަތެއް، މިއީ ޒިންމާދާރު ރައްޔިތުން ބިނާކުރާ ކުޅިވަރެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު އެފްއޭއެމްގެ އަންހެނުންގެ ފުޓްބޯޅަ ލީގު ޝަރަފުވެރިކޮށްދެއްވުން ފޮޓޯ:ރައީސް ޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 01:50

25 މޭ 2026، 01:50

ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެ ބަދަހިކޮށްދޭ ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ފުޓުބޯޅައަށް ޚާއްސަ މަގާމެއް ދެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި، ފުޓުބޯޅައަކީ ތަފާތު އުމުރުފުރާތަކާއި، އެކި ސަގާފަތްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުން އެކުވެރިކޮށް ބަދަހިކޮށްދޭ ހަރަކާތެކެވެ. އަދި މިއީ ދުޅަހެޔޮ، އުފާވެރި، އަދި މާނަވީ ދިރިއުޅުމަކަށް ބާރު ލިއްބައިދޭ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ފުޓުބޯޅައިގެ ތެރެއިން ރިވެތި އަޚުލާގާއި، ޓީމްވޯކާއި، ގަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަން ދަސްކޮށްދޭކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މި ކުޅިވަރުން ބިނާކުރަނީ ހަމައެކަނި ކުޅުންތެރިން ނޫން ކަމަށާއި، މިއީ މުޖުތަމައަށް ބޭނުންތެރި ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށްދޭ ހަރަކާތެއް ކަމަށެވެ.

ފުޓުބޯޅަ ދުވަހާ ގުޅޭގޮތުން އެކަމަނާ ކުރެއްވި އުއްމީދަކީ، މި ކުޅިވަރުގެ ތެރެއިން އަމާން އަދި ބަދަހި މުޖުތަމައުއެއް ބިނާވެ، މިއީ ޒުވާނުންނަށް ހިތްވަރުދޭ، ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިވާ ކަމަކަށް ވެގެންދިއުމެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަން އދ. އިން ނިންމާފައިވަނީ 2024 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ ތާރީޚުގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުމާ ގުޅިގެންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450