ވިޔަފާރި / ޚަބަރު
ޢީދު ބަންދުގައި މިފްކޯގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލައިފި
މިފްކޯއަށް މަސްގަންނަން މަސްކިރަނީ ފޮޓޯ: މިފްކޯ
އަޟްހާ ޢީދުގެ ބަންދާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލައިފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި ޢީދު ބަންދަށްފަހު އަލުން މަސް ގަންނަން ފަށާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މިފްކޯއިން ވިދާޅުވީ ޢީދުގެ މުނާސަބަތާ ގުޅިގެން އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ އެއްވެސް ފެސިލިޓީއަކުން ނުވަތަ ބޯޓަކުން މަސް ނުގަންނާނެ ކަމަށެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި އެ ކުންފުނީގެ ސެންޓަރުތަކުންނާއި އައިސް ޕްލާންޓުތަކުން އައިސް ވިއްކުމުގެ ޚިދުމަތްވެސް މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯއިން އިތުރަށް ބުނީ، ޢީދު ބަންދުގެ ދުވަސްތަކަށްފަހު އަންނަ ހުކުރު ދުވަހަކީ އާންމުކޮށްވެސް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށް ވުމާއެކު، ފެސިލިޓީތަކާއި އައިސް ޕްލާންޓުތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ. އެގޮތުން މިމަހުގެ 30 ވާ ހޮނިހިރު ދުވަހުން ފެށިގެން ބޯޓުފަހަރާއި ފެސިލިޓީތަކަށް މަސް ގަތުމުގެ މަސައްކަތް އާންމު އުސޫލުން ކުރިއަށްދާނެއެވެ.
އާންމު އުސޫލުން ހުކުރު ދުވަސްތަކުގައި މިފްކޯއަށް މަސް ނުގަންނައިރު، ޢީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް އެ ކުންފުނީގެ ސެންޓަރުތަކުން މަސް ގަތުން މެދުކަނޑާލުމަކީ އެ ކުންފުނިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިކަމާ ގުޅޭ މަޢުލޫމާތު މިފްކޯއަށް މަސްވިއްކާ އޮޑިފަހަރުތަކަށާއި، އެ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރު ވާނީ އަންގާފައެވެ.