ދުނިޔެ
ފިލިޕީންސްގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި، 17 މީހަކު އަދިވެސް ނުފެނޭ
ފިލިޕންސްގައި އިމާރާތެއް ވެއްޓުން - ފޮޓޯ : އަލޖަޒީރާ
ފިލިޕީންސްގެ އެންޖެލްސް ސިޓީގައި އިމާރާތް ކުރަމުންދިޔަ 9 ބުރީގެ އިމާރާތެއް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ. މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ 17 މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ވެރިރަށް މެނީލާގެ އުތުރުގައި އޮންނަ އެންޖެލްސް ސިޓީގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިމާރާތް ވެއްޓުނު ވަގުތު އޭގެ ތެރޭގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ނިދާފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލިޕީންސްގެ ބިއުރޯ އޮފް ފަޔަރ ޕްރޮޓެކްޝަނުން މައުލޫމާތު ދޭ ގޮތުގައި، އިމާރާތުގެ ދަށުން މިހާތަނަށް 26 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިމާރާތުގެ ދަށުން ނެގި ތިން މަސައްކަތްތެރިންގެ އިތުރުން، އެ ސަރަހައްދުގައި ހުރި ކުޑަ ހޮޓަލަކަށް އިމާރާތުގެ ބައިތައް ވެއްޓުމުގެ ސަބަބުން މަރުވި މެލޭޝިއާގެ ފަތުރުވެރިއެކެވެ. ރެސްކިއު ޓީމުތަކުން ބުނާ ގޮތުގައި، އިމާރާތުގެ ދަށުން ނެގި އެކަކު ނެގި އިރު ފުރާނަ ހުރި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ.
ސަލާމަތްކުރާ ފަރާތްތަކުން މިހާރު ބޭނުންކުރަމުންދަނީ ތަރމަލް ސްކޭނަރުތަކެވެ. މި ސްކޭނަރުތަކުން ދައްކާ ގޮތުގައި އިމާރާތުގެ ބައިތަކުގެ ދަށުގައި ތިބި ބައެއް މީހުންގެ ހިތުގެ ވިންދާއި ނޭވާލާ އަޑު އަދިވެސް އިވެމުންދެއެވެ. ނަމަވެސް، ކޮންމެ ވަގުތަކުވެސް އިމާރާތުގެ ބައިތައް ކުއްލިއަކަށް ގުޑައި، އިތުރަށް މީހުން ފިތިދާނެތީ، ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
އެންޖެލްސް ސިޓީގެ މޭޔަރު ކާމެލޯ ލަޒަޓިން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިމާރާތުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިމާރާތުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރުމަށް ކުރެވޭ އުންމީދު ކުޑަވަމުންދާ ކަމަށާއި، އިތުރު މީހަކު ދިރިހުއްޓާ ފެންނާނެ ކަމުގެ ނިޝާނެއް ނުފެނިއްޖެ ނަމަ، ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ކުނިތައް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގެއްލިފައިވާ މީހުންގެ އާއިލާތަކުން ދަނީ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ވަނީ އެމީހުންގެ އާއިލާގެ މެންބަރުންގެ ޚަބަރެއް ލިބޭނެ ކަމުގެ އުންމީދުގައި އެއްވެފައެވެ.