Ads by Farudhun

ޚަބަރު

ކޮންގްރެސް ޕާޓީގައި ކަންކަން ވަކިގޮތަކަށް ނިންމާކަށް ނުފޫޒެއް ނޯވޭ: ޝިޔާމް

ކޮންގްރެސް ޕާޓީގައި ކަންކަން ވަކިގޮތަކަށް ނިންމާކަށް ނުފޫޒެއް ނޯވޭ: ޝިޔާމް

ވަޒީރު ޝިޔާމް / ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

farudhun logo

ފަރުދުން

25 މޭ 2026، 07:17

25 މޭ 2026، 07:17

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގައި ވަކިގޮތަކަށް ކަންކަން ނިންމުމަށް އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ނޯންނަކަމަށް، ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، "އަދަދު" ނޫހުގައި ލިޔެފައި އޮތް ލިޔުމަކަށް އިޝާރާތްކުރައްވަމުންނެވެ. 

"އަދަދު" ނޫހުގައި "އޮއިވަރު ބަދަލުވަނީ؛ ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި ނުފޫޒު ކުޑަކޮށްފި"، މިހެން ބުނެ އާދިއްތަ ދުވަހު ޝާޢިއުކޮށްފައި އޮތް ލިޔުމަކަށް އިޝާރާތް ކުރަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އެ ނޫސް ހަރަކާތްތެރި ވަނީ ނޫހެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

'އަދަދު' މިވަނީ ނުބައި މުޢައްސަސާއެއްގައި ރެޖިސްޓަރ ވެފައި. އަސްލު އޮންނަންޖެހެނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި. އަދަދުން ޚަބަރު ލިޔާނަމަ ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރެވޭ. ވާދަވެރި ޕާޓީތަކެކޭ އަދަދު ނޫހެކޭ ހަމަ އެއްވެސް ތަފާތެއްނެތް.

ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީ ހިންގަމުން އަންނަނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން ޕާޓީގެ ރައީސްގެ ނުފޫޒު ބޭނުންކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ނުފޫޒުން ކަމެއްކުރައްވަން އުޅުއްވި ތަނެއް ދުވަހަކު ވެސް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ޕާޓީގެ ލީޑަރޝިޕް ބައްދަލުވުމެއްގައިވެސް އަދި ޚާއްސަކޮށް ޕީ.އެން.ސީގެ މެންބަރުން މަޖިލީހުގެ ކަންނިންމާ ބައްބަލުވުމެއްގައިވެސް ޕާޓީގެ ރައީސް ގެ ނުފޫޒުން ވަކި ގޮތަކަށް ކަމެއް ނިންމަން ޕާޓީގެ ރައީސް މަސައްކަތް ކުރެއްވި ތަނެއް ދުވަހަކުވެސް ނުދެކެން އޭގެ ބަދަލުގައި އަބަދުވެސް ކަންކަން ޕާޓީގައި ނިމިގެން ދަނީ އަޣުލަބިއްޔަތަށް ނޫނީ އެންމެން ޢިއްތިފާޤުވާ ގޮތަކަށް.

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި މަޢުޟޫގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވީ ރައީސް މުޢިއްޒު ސެނެޓަށް ހުށަހެޅުއްވި ކަމެއް ފާސްނުވި ކަމަށް ބުނެ "އަދަދު" ނޫހުން ފަތުރާފައިވަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ބަޔަކު އަޑީގައި ތިބެގެން އެ ނޫހަށް ދިން ބޮޑު "ލަނޑެއް" ކަމަށް ވެސް ފަލާޙް ސިފަކުރެއްވިއެވެ.

ފަލާޙު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމުގައި ވެސް ރައީސް ވަކިގޮތަކަށް ކަމެއް ނިންމަވަން ހުށަނާޅުއްވާ ކަމަށެވެ. އަދި އެ މަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ޤަވާއިދާއި މަޝްވަރާގެ އުސޫލު ކަމަށާއި، ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓުގެ މެންބަރުންނަށް ފެންނަ ގޮތަކަށް ނިންމުމަށް ކަމަށް ފަލާޙު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450