ޚަބަރު
ސައުދީ ގަޑިން 9 ޖަހާއިރު ދިވެހި ޙައްޖުވެރިން ޢަރަފާތަށް ދަތުރު ފަށާނެ
ދިވެހި ޙައްޖުވެރިން މިނާގައި / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ސައުދީ ޢަރަބިއްޔާގެ ގަޑިން މިރޭގެ 9 ޖަހާއިރު، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ގޮސްފައިވާ ދިވެހި ހުރިހާ ޙައްޖުވެރިން އަރަފާތަށް ދިއުމަށް ދަތުރު ފަށާނެކަމަށް، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. އެއީ ރާއްޖެ ގަޑިން މިރޭ 11 ޖަހާއިރެވެ.
ޝަކީލް ވިދާޅުވީ، މިރޭ ފަތިސް ވާންވާއިރަށް ޙައްޖުވެރިންނަށް އަރަފާތަށް ދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖުގެ އަޅުކަމަށް ސައުދީއަރަބިއްޔާގައިތިބި އެންމެހާ ހައްޖުވެރިން މިރޭ ސައުދީއަރަބިއްޔާ ގަޑިން 21:00 އިން ފެށިގެން އަރަފާތަށް ދިއުމަށް ދަތުރު ފަށާނެ. އުއްމީދު ކުރަނީ މިރޭ ފަތިސްވާންވާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތަށް… pic.twitter.com/yIvNjeDt1E
— Mohamed Shakeel 🇲🇻 (@schakyyl) May 25, 2026
މިވަގުތު ދިވެހި ހުރިހާ ޙައްޖުވެރީން ވެސް ތިބީ މިނާގައެވެ. ޙައްޖުވެރިން މިނާއަށް ދިޔައީ ރޭ ފަތިހުއެވެ. މިނާއަށް ދިއުމުގެ ދަތުރަށް ޙައްޖު ކޯޕަރޭޝަނުން ވަނީ 20 ބަސް ބޭނުންކޮށްފައެވެ.
ޙައްޖު ކޯޕަރޭޝަނުން އަންނަނީ ދިވެހި ޙައްޖުވެރީންގެ ދަތުރާ ގުޅޭ ހުރިޙާ މަޢުލޫމާތެއް މީސް މީޑިއާގައި ޙިއްޞާކުރަމުންނެވެ. އެގޮތުން ދިވެހި ހުރިހާ ޙައްޖުވެރީންގެ ޙާލުވެސް ރަނގަޅުކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ޓެންޓުތައް ތައްޔާރަށް ހުރިކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އާދީއްތަ ދުވަހު ހާމަކޮށްފައެވެ.
މިނާގެ ޓެންޓުގައި ކޮންމެ ހާޖީއަކަށް ސޯފާ އެނދަކާއި ބާލިސް އަދި ބެޑްޝީޓް ހުއްޓެވެ. މީގެއިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނުވެސް ކޮންމެ މީހަކަށް ވަކިން، ޕެކޭޖެއްގެ ގޮތުގައި ފޯރުކޮށްދީފައި ވެއެވެ.