Ads by Farudhun

ޚަބަރު

އެންމެ މީހަކު ފިޔަވައި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމުގައި: ވަޒީރު

އެންމެ މީހަކު ފިޔަވައި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމުގައި: ވަޒީރު

ރާއްޖޭ ޙާޖީން މިވަގުތު ޢަރަފާތު ބިމުގައި ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 11:08

26 މޭ 2026، 11:08

 މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖުވެރިންގެ ތެރެއިން، އެންމެ ޙާޖީއަކު ފިޔަވައި ހުރިހާ ޙާޖީން މިވަގުތު ޢަރަފާތު ބިމަށް ގޮސް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިއުމަށް ދަތުރުފެށީ ރާއްޖެ ގަޑިން ރޭ ދަންވަރު 11:00 ހާއިރުއެވެ. ދިވެހި ޙައްޖުވެރިން ޢަރަފާތަށް ގެންދިއުމުގެ މަސައްކަތުގައި ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާ އިރު، އެންމެ ފަހު ބަހުގައި ދަތުރުކުރި ޙާޖީންނަށް ޢަރަފާތަށް އާދެވިފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު 5:00 ހާއިރުއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޢަރަފާތަށް މިވަގުތު ނުދެވި އޮތް ހަމައެކަނި ޙާޖީއަކީ މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހެއް ކަމަށެވެ. ނަމަވެސް، ޙައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެ ޙާޖީވެސް ވަރަށް އަވަހަށް ޢަރަފާތު ބިމަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ޔަޤީންކަން ދެއްވިއެވެ. ޢަރަފާތުގައި ތިބި ހުރިހާ ޙާޖީންގެ ޙާލުވެސް ޖުމްލަކޮށް ރަނގަޅުކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޙާޖީންނަށް ޢަރަފާތުގައި ތިބުމާއި، ކެއިންބުއިމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. ޙައްޖުގެ އެންމެ މާތް ދުވަސް ކަމުގައިވާ ޢަރަފާތު ދުވަހުގެ އަޅުކަންތައް ފެށިގެން ކުރިއަށްދާއިރު، މިއަދު އިރު އޮއްސުމާ ހަމައަށް ޙާޖީން ތިބޭނީ ޢަރަފާތުގެ މަޝާއިރުގައި ޙައްޖުގެ މަނާސިކުތަކުގައި މަޝްޣޫލުވެގެންނެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުން ފެށިގެން އިރު އޮއްސުމާ ހަމައަށެވެ.



ޢަރަފާތު ބިމުގައި ތިބި ދިވެހި ޙައްޖުވެރިންނަށް ދޭ ޚާއްޞަ ޚުތުބާ މިއަދު އިއްވައިދެއްވާނީ މިއަހަރުގެ ޙައްޖު އިސް ޝެއިޚެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޝެއިޚް އިލްޔާސް ޙުސައިންއެވެ.

ޙައްޖުވެރިން ޢަރަފާތުގައި މަޑުކުރުމަށްފަހު، މުސްދަލިފާއަށް ދިއުމަށް ދަތުރުފަށާނީ މިރޭ އިރު އޮއްސުމުންނެވެ. އަދި މާދަމާ ހެނދުނު އަނބުރާ މިނާއަށް ގޮސް، ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމަށްފަހު ޙައްޖުގެ އެހެނިހެން ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލުވެ، އިޙްރާމް ކެނޑޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450