ދީން / ޚަބަރު

މިއަހަރުގެ ޙައްޖު ޚުތުބާ 35 ބަހަކުން ތަރުޖަމާކުރަނީ ، ޚުތުބާ އިއްވާނީ ޝައިޚް އަލް-ޙުޛައިފީ

މިއަހަރުގެ ޙައްޖު ޚުތުބާ 35 ބަހަކުން ތަރުޖަމާކުރަނީ ، ޚުތުބާ އިއްވާނީ ޝައިޚް އަލް-ޙުޛައިފީ

ސްޖިދުއްނަބަވީގެ އިމާމު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ބިން އަބްދުލްރަޙްމާން އަލް-ޙުޛައިފީ ފޮޓޯ: ހަރަމައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 11:16

26 މޭ 2026، 11:16

އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމަށްވާ މަތިވެރި ޙައްޖުގެ އަޅުކަން ފެށިގެން ކުރިއަށްދާއިރު، މިއަހަރުގެ އަރަފާތު ދުވަހުގެ ޚުތުބާ ދުނިޔޭގެ 35 ބަހަކުން ތަރުޖަމާކޮށްގެން ފޮނުވުމަށް ސައުދީ އަރަބިއްޔާގެ ދީނީ ކަންކަމާބެހޭ އިދާރާ (ރިލިޖަސް އެފެއާޒް) އިން ނިންމައިފިއެވެ.

ޙައްޖުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ އަރަފާތް ދުވަހު އިއްވާ މި ޚުތުބާއަކީ، ކޮންމެ އަހަރަކުވެސް މުޅި އިސްލާމީ އުންމަތަށް ދެވޭ މުހިންމު މެސެޖެކެވެ. މިއީ މާތް ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ކުރެއްވި "ޙައްޖަތުލް ވަދާޢު" ނުވަތަ ވަދާޢުގެ ޙައްޖުގެ ޚުތުބާއިން ލިބިދޭ ފިލާވަޅުތަކާއި، މުޅި އުންމަތަށް ކުރެއްވި ވަސިއްޔަތްތައް ހަނދާން އައުކޮށްދޭ އެންމެ ބޮޑު ހަރަކާތެވެ. އެ ޚުތުބާގައި އެކަލޭގެފާނު ވަނީ އެއްބައިވަންތަކަމާއި، ހަމަހަމަކަން ގާއިމުކުރުމާއި، ކެތްތެރިވުމުގެ މުހިންމުކަން އުނގަންނަވައިދެއްވާފައެވެ.

މިއަހަރުގެ ޙައްޖު ޚުތުބާ ދެއްވާނީ މަސްޖިދުއްނަބަވީގެ އިމާމު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ބިން އަބްދުލްރަޙްމާން އަލް-ޙުޛައިފީއެވެ. މި ޚުތުބާ އިއްވާނީ އަރަފާތު ބިމުގައި ހުންނަ ނަމިރާ މިސްކިތުގައެވެ.

ނަމިރާ މިސްކިތަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބިނާއެކެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ ރަސޫލާ (ޞޢވ) ވަދާޢުގެ ޙައްޖުގައި ފޭލިގެޖައްސަވައި މަޑުކުރެއްވި ބިމުގައެވެ. އެކަލޭގެފާނު ޚުތުބާ ދެއްވީ އަރަފާތުގެ ބޭރުން އުރަނާ ވާދީގެ ހުސް ބިމެއްގައެވެ. މިސްކިތާ ކައިރީގައިވާ ފަރުބަދައަކަށް ނިސްބަތްކޮށް "ނަމިރާ" ގެ ނަމުން ނަންދެވިފައިވާ މި މިސްކިތަށް މަސްޖިދު އިބްރާހީމް އަލް-ޚަލީލް އަދި މަސްޖިދު އަރަފާ ފަދަ ނަންތަކުންވެސް މުޚާތަބު ކުރެވެއެވެ.

ނަމިރާ މިސްކިތަކީ މިހާރު މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. 110,000 އަކަމީޓަރުގެ ބޮޑު މި މިސްކިތަކީ އެއްފަހަރާ 4 ލައްކަ މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮންނަ ތަނެކެވެ. ޚާއްސަ ކަމަކީ، މި މިސްކިތަކީ އަހަރަކު އެންމެ ދުވަހަކު، އެއީ ހަމައެކަނި އަރަފާތު ދުވަހު ނަމާދުކުރުމަށް ބޭނުންކުރާ މިސްކިތަކަށް ވުމެވެ.

ސައުދީ ސަރުކާރުން މިއަހަރު ޚުތުބާ 35 ބަހަކުން ތަރުޖަމާކުރަން ނިންމީ، އިސްލާމްދީނުގެ މެސެޖު ދުނިޔޭގެ ކޮންމެ ބިތެއްގައި ހުރި މުސްލިމަކަށްވެސް އެ މީހެއްގެ އަމިއްލަ ބަހުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މިކަމުގެ ސަބަބުން އަރަފާތު ބިމުގައި ތިބި ޙައްޖާޖީންނަށާއި، ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މުސްލިމުންނަށް ޚުތުބާގެ މާނަ ދެނެގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450