ދުނިޔެ / ޚަބަރު

ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ހައްޖުވެރިންނަށް އިލްތިމާސްކޮށްފި

ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ހައްޖުވެރިންނަށް އިލްތިމާސްކޮށްފި

ޙައްޖުވެރިން ހޫނު ގަދަކަމުން ކުޑަ ނަގައިގެން ފޮޓޯ: ސައުދީ ގެޒެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 11:38

26 މޭ 2026، 11:38

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިން، ސައުދީ އަރަބިއްޔާގެ މޫސުން ހުރިގޮތުން ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ސައުދީ ނެޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީ (އެން.ސީ.އެމް) އިން ވަނީ ހޫނުމިން އެންމެ މައްޗަށްދާ ވަގުތުތައް ކަމަށްވާ ހެނދުނު 11:00 އިން ހަވީރު 3:00 އާ ދެމެދު ހައްޖުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެ ސެންޓަރުގެ ތަރުޖަމާނު ހުސައިން އަލް ގަހްތާނީ ވިދާޅުވީ، މުގައްދަސް ބިންތަކުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުން މޫސުން މެދުނުކެނޑި މޮނިޓަރު ކުރަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައުދީ ހެލްތު މިނިސްޓްރީން ވެސް ވަނީ އިރުގެ ހޫނުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހައްޖުވެރިންނަށް އިރުޝާދު ދީފައެވެ. މިގޮތުން، ބޭރުގައި އުޅޭއިރު ކުޑަ ބޭނުންކުރުމާއި، ގިނަގިނައިން ފެނާއި ދިޔާ އެއްޗެހި ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އަވީގައި ގިނަވަގުތު ހިނގާފައި އުޅުމުން ދުރުހެލިވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހޫނުގެ ސަބަބުން ވަރުބަލިވުމާއި، ބޯއެނބުރުން އަދި މާބޮޑަށް ދާހިއްލުން ފަދަ އަލާމާތްތަކަށް ސަމާލުވުމަށް ސިއްހީ މާހިރުން އެދެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެންމެ ކައިރީގައި ހުންނަ ސިއްހީ މަރުކަޒަކަށް ދިއުމަށް ނުވަތަ މެޑިކަލް ޓީމެއްގެ އެހީތެރިކަން ހޯދުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

ހައްޖުވެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ދެމެހެއްޓޭނީ ކަނޑައެޅިފައިވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށާއި، އޭރުން ރައްކާތެރި މާހައުލެއްގައި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450