ޚަބަރު
ހޮސްޕިޓަލުގައި އޮތް ޙާޖީ ވެސް މިހާރުވަނީ އަރަފާތުގައި: ވަޒީރު
ރާއްޖޭގެ ޙާޖީން އަރަފާތު ބިމަށް ދަނީ ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މިއަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ގޮސްތިބި ހުރިހާ ޙާޖީންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ބަލިވެގެން މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދިޔަ އެންމެ ޙާޖީއެއް ފިޔަވައި، އެހެން ހުރިހާ ދިވެހި ޙާޖީން މިއަދު ފަތިހާ ހަމައަށް އަރަފާތަށް ވަދެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި އޮތް ޙާޖީވެސް މިހާރު އަރަފާތު ބިމަށް ގެންދެވިފައިވާ ކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.
ޙައްޖުވެރިން އަރަފާތަށް އައުމަށް މިނާއިން ދަތުރު ފަށާފައިވަނީ ރާއްޖެ ގަޑިން ރޭ ދަންވަރު 11:00 ގައެވެ. ދިވެހި ޙާޖީން އަރަފާތަށް ގެނައުމަށް ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާއިރު، އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް އާދެވިފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު 05:00 ހާއިރުއެވެ.
ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތުގައި މަޑުކުރުމުގެ އަޅުކަން މިއަދު ކުރިއަށްދާއިރު، ދިވެހި ޙާޖީންނަށް ދޭ ޚާއްޞަ ޚުޠުބާ ދެއްވާނީ މިއަހަރުގެ އިސް ޝެއިޚެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝެއިޚް އިލްޔާސް ޙުސައިންއެވެ. ޙައްޖުވެރިން މިއަދުގެ އިރުއޮއްސުމާ ހަމައަށް އަރަފާތުގެ މަޝާއިރުގައި ދުޢާކުރުމާއި ޒިކުރުކުރުން ފަދަ މަނާސިކުތަކުގައި މަޝްޣޫލުވެ ތިބޭނެއެވެ.
އަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ. އިރުއޮއްސުމާއެކު ޙާޖީން މުޒްދަލިފާއަށް ދިއުމަށް ދަތުރު ފަށާނެއެވެ. އަދި މާދަމާ އަލުން މިނާއަށް ގޮސް، ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމާއި އެހެނިހެން ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލުވެ، އިޙްރާމް ކެނޑޭނެއެވެ.