Ads by Farudhun

ޚަބަރު

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަނީ

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަނީ

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ގެންނަ ބަދަލު ފޮޓޯ:ޓްރެފިކް ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 01:13

26 މޭ 2026، 01:13

މިއަހަރުގެ އަޟްޙާ ޢީދު ނަމާދާއި ޢީދު ކުޅިވަރުތަކާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. ފުލުހުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ކޮންމެ ޢީދަކާ ދިމާކޮށްވެސް ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައެވެ.

ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން ވިދާޅުވީ، ޢީދު ނަމާދާއި ޢީދު ކުޅިވަރުތައް ކުރިއަށްދާ ވަގުތުތަކުގައި ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާ މާފަންނު ސްޓޭޑިއަމް ވަށައިގެންވާ މަގުތައް ކަމަށްވާ މާފަތްތަކުރުފާނު މަގާއި، އަމީނީ މަގު އަދި ހިލާލީ މަގު، ޢީދު ދުވަހުގެ ހެދުނު 6:00 އިން ފެށިގެން ނަމާދު ނިމެންދެން ބަންދުވާނެއެވެ.

ސްޓޭޑިއަމަށް ނަމާދަށް ވަޑައިގަންނަވާ ފިރިހެނުންނަށް ވަނުމަށް ހަމަޖެހިފައިވަނީ ހިލާލީ މަގު އެފްއޭއެމް ހައުސްއާ ދިމާލުން ހުންނަ މައި ގޭޓާއި އިސްކަންދަރު ކޮށި 1 ކުރިމަތީގައިވާ ގޭޓުންނެވެ. އަންހެނުންނަށް ހަމަޖެހިފައިވަނީ ކޯރުކެނޑި ހިނގުމުން އަމީނީ މަގަށް ނިކުމެވޭ ދިމާ ކުރިމަތީގައިވާ ގޭޓާއި ސިންތެޓިކް ޓްރެކާ ދިމާލުންވާ ގޭޓެވެ. މި ސަރަހައްދުގައި އިންތިޒާމުތައް ބެލެހެއްޓުމަށް ޓްރެފިކް ޕޮލިހުންގެ އިތުރުން ކެޑޭޓުންނާއި ގާލް ގައިޑުން ހަރަކާތްތެރިވާނެއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުތައް ބަންދުކުރާނީ އާންމުކޮށް ހުކުރު ނަމާދު ވަގުތުތަކުގައި ބަންދުކުރާ އުސޫލުން ކަމަށެވެ. ފުލުހުން ވަނީ ޢީދު ނަމާދު ކުރާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް އިލްތިމާސްކުރައްވާފައެވެ. އެ އުޅަނދުތައް ޓޯ ނުކުރި ނަމަވެސް، ނަމާދު ވަގުތަށް ސަރަހައްދު ހުސްކުރުމުގެ ގޮތުން އެހެން ތަންތަނަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢީދު ނަމާދުގެ އިތުރުން، ޢީދު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ބައެއް މަގުތައް ބަންދުކުރާނެއެވެ. މީގެ ތެރޭގައި ސަލްޓަން ޕާކު، އިސްލާމީ މަރުކަޒުގެ މާބަލް އޭރިއާ، ޖުމްހޫރީ މައިދާން އަދި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުތައް ހިމެނެއެވެ.

މިއަހަރުގެ ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2 ގެ ކުޅިވަރު އެކުވެނީގައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450