ޚަބަރު
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ބަޔަކު ހޯދަނީ
ދަރަވަންދޫ އެއަރޕޯޓް ފޮޓޯ: އެޑިޝަން
ބ. ދަރަވަންދޫ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާންކޮށްފިއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އެ ރަށުގެ އިގްތިސާދާއި ފަތުރުވެރިކަމަށް މުހިންމު މަޝްރޫއެކެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
މި މަޝްރޫއުގެ ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަނި ކަމަށް އައިލެންޑް އޭވިއޭޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި މި މަސައްކަތް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމަން ޖެހޭނެއެވެ.
ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރާނެއެވެ. މި ބަދަލާއެކު، މިހާރު އެއްފަހަރާ 80 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލްގެ ޖާގަ 175 އަށް އިތުރުވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ލަފާކުރެއެވެ. މިއީ އެއާޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ފަސިންޖަރުންނަށް ލިބޭ ތަކުލީފުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓަކީ މިހާރުވެސް ދުވާލެއްގެ މައްޗަށް އަށް ފްލައިޓަށް ވުރެ ގިނައިން ޖައްސާ، އަތޮޅުތެރޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. މި އެއާޕޯޓް ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.