Ads by Farudhun

ޚަބަރު

ދިވެހި ހުރިހާ ޙާޖީން ގެ ހާލުވެސް ރަނގަޅު

ދިވެހި ހުރިހާ ޙާޖީން ގެ ހާލުވެސް ރަނގަޅު

ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ ބައެއް ޙާޖީން އަރަފާތު ބިމުގައި ފޮޓޯ: ޙައްޖުކޯޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 01:42

26 މޭ 2026، 01:42

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ގޮސްފައިވާ ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގެ ބިމުގައި ކަމަށާއި، ހުރިހާ ޙާޖީންގެ ޙާލުވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ބަލިވުމުގެ ސަބަބުން މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކޮށްގެން ފަރުވާދިން ޙާޖީގެ ޙާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު އެ ޙާޖީވެސް މިހާރު ވަނީ ޢަރަފާތުގެ ބިމަށް ގެންގޮސްފައެވެ.

ޙައްޖުވެރިން ޢަރަފާތަށް އައުމަށް މިނާއިން ދަތުރު ފެށީ ރާއްޖެ ގަޑިން ރޭގެ 11:00 ހާއިރުއެވެ. ދިވެހި ޙާޖީން ޢަރަފާތަށް ގެންދިއުމަށްޓަކައި ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާއިރު، އެންމެ ފަހު ބަހުގެ ޙާޖީންނަށް ޢަރަފާތަށް ދެވުނީ ރާއްޖެ ގަޑިން މިއަދު ފަތިހު 05:00 ހާއިރުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޢަރަފާތު ބިމުގައި ޙާޖީންނަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ޢަރަފާތުގައި ތިބުމާއި، ކެއިންބުއިމުގެ އިންތިޒާމުތައް ފާހަގަކޮށްލެވެއެވެ.

ޙައްޖުގެ އެންމެ މާތް ދުވަސް ކަމުގައިވާ ޢަރަފާތު ދުވަހުގެ މަނާސިކުތައް ފެށިގެން ކުރިއަށްދާއިރު، މިއަދުގެ އިރު އޮއްސުމާ ހަމައަށް ޙާޖީން ތިބޭނީ ޢަރަފާތުގެ މަޝާއިރުގައެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރު އޮއްސުމާ ހަމައަށެވެ. ޢަރަފާތުގައި މިއަދު ދެވޭ ދިވެހި ޚުތުބާ ދެއްވާނީ މިއަހަރުގެ ޙައްޖު ދަތުރުގެ އިސް ޝައިޚްގެ ގޮތުގައި ވަޑައިގެންނެވި ޝައިޚް އިލްޔާސް ޙުސައިންއެވެ.

ޙާޖީން ޢަރަފާތުގައި މަޑުކުރުމަށްފަހު، މުޒްދަލިފާއަށް ދިއުމަށް ދަތުރު ފަށާނީ މިރޭ އިރު އޮއްސުމުންނެވެ. އަދި މާދަމާ މިނާއަށް ގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކުމާއި އެހެނިހެން ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލުވެ، އިޙްރާމް ކަނޑާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450