ދީން
މިއީ އެންމެ ގިނަ އަޅުން ނަރަކައިން މުއްތިކުރައްވައި، ފާފަފުއްސަވައިދެއްވާ ދުވަސް
މައްކާގެ އަރަފާތު ބިން
މިއަދަކީ މުޅި އިސްލާމީ އުންމަތް ނުހަނު ފޮނި އިންތިޒާރެއް ކުރަމުން އައި، ބަރަކާތުން ފުރިގެންވާ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މިއީ މުޅި އަހަރު ތެރޭގައި އަންނަ އެންމެ މާތް، އަދި ރޫޙާނީގޮތުން އެންމެ މަތިވެރި ދުވަހެވެ. ބަރަކާތުން ފުރިގެންވާ ޢަރަފާތް ދުވަހެވެ. މިއަދު ފެނިގެންދަނީ މާތްވެގެންވާ މައްކާގެ ބިމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މުސްލިމުން ޖަމާވެ، "ތަލްބިޔާ" ގެ މަތިވެރި އަޑުން މުޅި ފަޒާ ގުގުމާލާ އީމާންތެރިކަމުގެ މަންޒަރެވެ. ހަމައެއާއެކު، ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ނަސީބު ނުލިބި ތިބި މުސްލިމުން، މި ދުވަހުގެ ބަރަކާތާއި ދަރުމަ ލިބިގަތުމަށްޓަކައި ރޯދައިގެ މަތިވެރި އަޅުކަމުގައި ތިބޭ ދުވަސްވެސް މެއެވެ.
ޢަރަފާތް ދުވަހުގެ މަތިވެރިކަމާއި މާތްކަން ކީރިތި ޤުރްއާނާއި މާތް ރަސޫލާ ﷺ ގެ ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މިއީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި އިސްލާމްދީން ފުރިހަމަކޮށްދެއްވި ދުވަހެވެ. ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މިއަދަކީ ދުޢާ އިޖާބަކުރެއްވުން އެންމެ ގާތް ދުވަހެވެ. އަދި މިއީ މާތް ﷲ އެކަލާނގެ އަޅުތަކުންނާ މެދު މަލާއިކަތުންގެ ކުރިފުޅުމަތީގައި ފަޚުރުވެވޮޑިގަންނަވާ ދުވަހެވެ. ހަމައެހެންމެ، މިއީ އެންމެ ގިނަ އަޅުން ނަރަކައިން މުއްތިކުރައްވައި، ފާފަފުއްސަވައިދެއްވާ ދުވަސްކަމުގައިވެސް ޞަޙީޙު ޙަދީޘްތަކުން ސާބިތުވެއެވެ.
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ޢަމަލު ކުރުމަށް ލިބޭ ރަންގަނޑެއް ފަދަ ނަސީބެކެވެ. މާތް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، މި ދިހަ ދުވަހު ކުރެވޭ ހެޔޮ ޢަމަލުތަކަށްވުރެ މާތް ﷲ ގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ. އެހެންކަމުން، މި ދުވަސްވަރު ގިނަގިނައިން ތަސްބީޙަ ކިޔުމާއި، ތަޙްމީދު ކުރުމާއި، ތަކްބީރު ކިޔުމަކީ ކޮންމެ މުސްލިމަކުވެސް ނުހަނު ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހުގެ ރޯދައަކީ، އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ މަތިވެރި ސަބަބެއްގެ ގޮތުގައި ސުންނަތުން އެނގެން އޮތް ބޮޑުވެގެންވާ ރަޙްމަތެކެވެ.
ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. މިއީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ޢަރަފާތް ބިމުން ފެނިގެންދާ މަންޒަރަކީ އިސްލާމްދީނުގެ ހަމަހަމަކަމުގެ އެންމެ ފުރިހަމަ މިސާލެވެ. މުއްސަންޖެއް، ފަގީރެއް، ވެރިއެއް ނުވަތަ އާދައިގެ މީހެއްގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. އެންމެންވެސް ތިބީ ހުދު އިޙްރާމް އަޅައިގެން، އެއްކައުވަންތަ އިލާހުގެ ހަޟްރަތުގައި ދަންނަވާށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ އެއްވުމެވެ. މިއީ މުސްލިމުންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ދުނިޔެއަށް ހާމަކޮށްދޭ މަތިވެރި ރަމްޒެކެވެ.
މިއަދުގެ ބަރަކާތް ލިބިގަތުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ގިނަގިނައިން އިސްތިޣްފާރުކޮށް، މާތް ﷲ ގެ ހަޟްރަތަށް ތައުބާވާންޖެހެއެވެ. ދުނިޔެވީ އެންމެހާ ކަންކަމުން އެކަހެރިވެ، ހިތްތަކާއި ދޫތައް ﷲ ގެ ޛިކުރުން ތެތްކުރަންޖެހެއެވެ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުން އިޞްލާޙުކޮށް، ތަޤުވާވެރިކަމުގެ އާ ފެށުމަކުން ފެށުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ތިއްބެވި އެންމެހާ ހައްޖާޖީންގެ ހައްޖު މާތް ﷲ މަޤްބޫލު ކުރައްވާށިއެވެ! އެބައިމީހުންގެ ފާފަތައް ފުއްސަވައި، ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރައްވާށިއެވެ! އަދި ހައްޖުގެ މަތިވެރި ނަސީބު މިހާތަނަށް ލިބިފައިނުވާ އެންމެހާ މުސްލިމުންނަށް، އަވަސް މުސްތަޤުބަލެއްގައި އެ ފުރުޞަތު މިންވަރުކޮށްދެއްވައި، ގެފުޅުގެ ހިޔަލަށް ދިއުމުގެ މަގު ތަނަވަސްކޮށްދެއްވާށިއެވެ! އާމީން.