ޚަބަރު
އައްޑޫ މިފްކޯ ފިހާރައަކީ ރައްޔިތުންގެ ޖީބަށް ލިބޭނެ ބޮޑު ލުޔެއް - ވަޒީރު ރާފިޢު
އައްޑޫ ސިޓީގައި މިފްކޯގެ އާ ފިހާރައެއް ހުޅުވުން ފޮޓޯ: މިފްކޯ
އައްޑޫ ސިޓީގައި މިފްކޯގެ އާ ފިހާރައެއް ހުޅުވުމަކީ އެ ސިޓީގެ ރައްޔިތުންނަށް މާލީގޮތުންނާއި އިޖުތިމާޢީގޮތުން ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އައްޑޫގައި މިފްކޯގެ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބެން ހުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި އައްޑޫގައި މިފްކޯގެ ފިހާރައެއް ހުޅުވުމަކީ ވަރަށް ތާރީޚީ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފްކޯގެ އުފެއްދުންތަކަކީ ދިވެހިންގެ ތެރޭގައި އެތައް ޒަމާނެއް ވަންދެން ބޭނުންކުރަމުން އަންނަ އިތުބާރު ހުރި ބްރޭންޑެއް ކަމަށެވެ. އަދި އެ ކުންފުންޏަކީ މާކެޓަށް ބޭނުންވާ އާ އުފެއްދުންތައް ދުވަހުން ދުވަހަށް އިތުރުކުރަމުން އަންނަ ކުންފުންޏެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، މިފްކޯއިން ތައްޔާރުކޮށް ބާޒާރަށް ނެރޭ ބާވަތްތައް ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަވެ، ޖީބަށް ލުއިވެގެންދާނެ ކަމެއް ކަމަށެވެ.
މިފްކޯއިން ތައްޔާރުކޮށް ނެރޭ ޕްރޮޑަކްޓްސްތައް ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް. އަދި އެކި ކަންކަމުގައި މި ބާވަތްތައް ބޭނުންކުރުމަކީ ޖީބަށް ލުއިވެގެންދާނެ ކަމެއް. މިއީ ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އަދި މިފްކޯގެ ފަރާތުން މިކަން އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ލިބިގެންދިޔަ ފުރުޞަތަކަށް ވުމަކީ ވަރަށް އުފާވާ ކަމެއް،
ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މިފްކޯ އޮތީ މަސްވެރިންނަށް ފައިސާ ނުދެވި، މާލީ ބޮޑު ގެއްލުމެއްގެ ތެރޭގައެވެ. ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދެއް ކުރަންޖެހޭ ކުންފުންޏަކަށް ވާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން ބުރަބޮޑުވާ ގޮތަށް ކުންފުނި ހިންގުމުގެ ބަދަލުގައި، ހިންގުން ހަރުދަނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެވެ.
މިގޮތުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ އުފެއްދުންތެރިކަމާއި ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.