ޚަބަރު
ޙައްޖު ޚުޠުބާގައި ތަޤުވާވެރިވުމަށާއި، ސިޔާސީ ފިކުރުތަކުން މާތް ބިން ޠާހިރުކުރުމަށް ގޮވައިލައްވައިފި
ދިވެެހި ޙައްޖުވެރިން ތިބޭ ފޭލިގޭގައި ދިވެހިން ޙުތުބާ ދެއްވަނި ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މިއަހަރުގެ ބަރަކާތްތެރި ޢަރަފާތް ދުވަހުގެ މުނާސަބަތުގައި ދެއްވި ޙައްޖު ޚުޠުބާގައި، މާތް ﷲއަށް ތަޤުވާވެރިވުމަށާއި، އިސްލާމްދީނުގެ ތައުޙީދުގެ މަތީގައި ސާބިތުވެ ތިބުމަށް މުޅި އިސްލާމީ އުއްމަތަށް ގޮވައިލައްވައިފިއެވެ.
މިއަދުގެ ޚުޠުބާ ފަށްޓަވަމުން، ޙަމްދުޞަލަވާތަށްފަހު އެންމެ ފުރަތަމަ ހަނދާންކޮށްދެއްވީ ޙައްޖު ސޫރަތުގެ ފުރަތަމަ ދެ އާޔަތެވެ. އެ އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ޤިޔާމަތްވުމުގެ ބިރުވެރިކަމާއި، އެދުވަހުގެ ގަދަފަދަ ޒަލްޒަލާއިން ސަލާމަތްވުމަށްޓަކައި ﷲއަށް ތަޤުވާވެރިވުމުގެ މުހިންމުކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ތަޤުވާވެރިވުމަކީ ﷲ އެންގެވި ކަންކަން ފުރިހަމައަށް އަދާކުރުމާއި، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ކަމަށާއި، އެއީ އީމާންކަމުގެ ރުކުންތައް ފުރިހަމަކުރުން ކަމުގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، މުއުމިނުންގެ އެންމެ ބޮޑު ޝިޢާރަކީ ތައުޙީދެވެ. އިސްލާމްދީނުގެ ފަސް ރުކުން ކަމުގައިވާ ޝަހާދަތުގެ ދެކަލިމައާއި، ނަމާދާއި، ޒަކާތާއި، ރޯދަ އަދި ޙައްޖު ބިނާވެގެންވަނީ މި މަތިވެރި ތައުޙީދުގެ މަތީގައެވެ. އެހެންކަމުން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށާއި ދުޢާ ނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، ކޮންމެ ކަމެއްގައިވެސް ކެތްތެރިކަން އިސްކުރުމަށާއި ޝުކުރުވެރިވުމަށް ގޮވައިލެއްވިއެވެ. ކެތްތެރިންނަށް އެއްވެސް ހިސާބަކާ ނުލައި ﷲ ދަރުމަ ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވަމުން، ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތް ވިދާޅުވިއެވެ. އަދި ﷲގެ އާޔަތްތަކަށް ދެކޮޅުހަދައި، ނުކިޔަމަންތެރިވި ކުރީގެ އުއްމަތްތައް ހަލާކުކުރެއްވި ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވައި، އެކަމުން ޢިބުރަތް ލިބިގަތުމަށް ބާރުއެޅުއްވިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މިއީ އިބްރާހީމުގެފާނު ކުރެއްވި ދައުވަތަށް އިޖާބަދީގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން ޖަމާވެ، ﷲ ތަޤްދީސްކޮށް މަތިވެރިކުރަމުންދާ ވަގުތެއްކަން ފާހަގަކުރެއްވިއެވެ. އަދި މާތް ﷲގެ ގެކޮޅަކީ ސިޔާސީ ހުރިހާ ފިކުރުތަކަކުންނާއި، ދޮގު ވާހަކަދެއްކުމުން ޠާހިރުވެފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް ގޮވައިލެއްވިއެވެ.
ޚުޠުބާ ނިންމަވައިލެއްވީ، ޢަރަފާތް ދުވަހުގެ މަތިވެރި ދުޢާ ގިނަކުރުމަށް ހަނދާންކޮށްދެއްވަމުންނެވެ. އަދި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ކެތްތެރިކަމާއި އަވަސް ނަޞްރެއް ދެއްވުމަށާއި، މުސްލިމް އުއްމަތް އެއްބައިވަންތަ ކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.