ޚަބަރު
ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަޤުވާވެރިކަމުގެ އެންމެ މުހިންމު އެއް ބައި: ޙައްޖު ޚުޠުބާ
އަރަފާތު ޓެންޓުން ވަގުތުން ޢިލްމުވެރިޔާ: އައްޝައިޚް އިލްޔާސް ޙުސައިން ފޮޓޯ: އެސްއެސް
މިއަހަރުގެ ބަރަކާތްތެރި ޢަރަފާތް ދުވަހުގެ މަތިވެރި ޚުޠުބާގައި، މާތް ﷲ އަށް ތަޤުވާވެރިވުމަށާއި، ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ދުޢާކުރުން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތަށް ގޮވާލައްވައިފިއެވެ. މަސްޖިދުއް ނަމިރާގައި މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވައިދެއްވީ ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލް ޚުޛައިފީއެވެ.
ޝައިޚް އަލް ޚުޛައިފީގެ ޚުޠުބާ ބިނާކުރެއްވީ މާތް ﷲ އަށް ތަޤުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ އަލް ޙައްޖު ސޫރަތުގައި މާތް ﷲ ތަޤުވާވެރިވުމަށް އަމުރުކުރައްވާފައިވާކަން ފާހަގަކުރައްވައި، ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަޤުވާވެރިކަމުގެ އެންމެ މުހިންމު އެއް ބައިކަމުގައި ވިދާޅުވިއެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި އޮތް އެންމެ ވަރުގަދަ މަގަކީ ﷲ އަށް ބިރުވެތިވެ، އެކަލާނގެ އެންގެވި ގޮތުގައި ސާބިތުވެ ތިބުންކަން ޚުޠުބާގައި ހަނދުމަކޮށްދެއްވިއެވެ.
މީގެއިތުރުން، އިސްލާމްދީނުގެ އަސާސް ކަމުގައިވާ ތައުޙީދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މާތް ﷲ އެއްކައުވަންތަކުރުމާއި، އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކުނުކުރުމަށް ޝައިޚް ނަސޭހަތްތެރިވެވަޑައިގަތެވެ. ޝިރުކުގެ ނުބައިކަމާއި، ޝިރުކުން ދުރުހެލިވެ ޒިކުރުކުރުން މަތީ ދެމިތިބޭ މުއުމިނުންގެ ހިތްތައް މާތް ﷲ މަޑުމޮޅިކުރައްވައި، ކެތްތެރިކަން ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އަދި ކެތްތެރިންނަށް މާތް ﷲ ދެއްވާނެ މަތިވެރި ދަރުމައާއި ސަވާބުގެ ވާހަކަވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމުގެ ތާރީޚަށް ބައްލަވައިލައްވަމުން، އިބްރާހީމްގެފާނުގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް މި އަޅުކަން މެދުނުކެނޑި ކުރިއަށްދާކަން ޝައިޚް ފާހަގަކުރެއްވިއެވެ. އަދި މާތްވެގެންވާ ކަޢުބަތުﷲ ގެފުޅާއި އެ ހަރަމްފުޅުގެ ވަށައިގެންވާ ސަރަޙައްދަކީ ޝިރުކާއި، ފާސިޤު އަމަލުތަކާއި، ހުތުރު ބަސްތަކުން ޠާހިރުވެފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ. ޙައްޖުވެރިންނަށް އިލްތިމާސްކުރެއްވީ އެންމެހާ ނުބައިކަންކަމުން ދުރުހެލިވެ، ތަޤުވާވެރިކަމާއެކު އަޅުކަމުގައި މަޝްޣޫލުވުމަށެވެ.
ޚުޠުބާ ނިންމަވާލެއްވީ، ޙައްޖުގެ މަނާސިކުތައް ފުރިހަމައަށް އަދާކުރުމަށް ހިތްވަރު ދެއްވަމުންނެވެ. ޚާއްޞަކޮށް، ޢަރަފާތް ދުވަހުގެ މި މަތިވެރި ވަގުތުތަކަކީ ދުޢާ އިޖާބަކުރައްވާ ވަގުތުތަކެއްކަން ހަނދުމަކޮށްދެއްވައި، ގިނަގިނައިން ދުޢާކުރުމަށާއި، ﷲ އަށް ޒިކުރުކުރުން އިތުރުކުރުމަށް ޝައިޚް އަލް ޚުޛައިފީ އެންމެހާ މުސްލިމުންނަށް ގޮވާލެއްވިއެވެ.