ޚަބަރު
މުޅި ރާއްޖޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކޮށްފި
މިއަދު ބޮޑު ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދު ފޮޓޯ: ޕީއެސްއެމް
މާލެ ސަރަހައްދާއި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފިއެވެ. ފަހަކަށް އައިސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދު ކުރުމުގެ އިންތިޒާމް އޮންނަނީ ބޮޑު ޖަމާޢަތުގައެވެ.
މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ވަނީ ކޮށްފައެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ. ބޮޑު ޖަމާޢަތުގެ އިތުރުން މާލެ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުން ކުރިއަށް ދިޔައެވެ. މީގެ ތެރޭގައި މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މިސްކިތެއް ހިމެނެއެވެ.
މާލެއާއި އަތޮޅުތަކުގައި ކުރިއަށްދިޔަ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ނަމާދަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ އާއިލާތަކާއި ރައްޓެހިންނަށް ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފައެވެ.
މިއަހަރުގެ ޢީދު ނަމާދުގައި ފާހަގަކޮށްލެވުނު އެންމެ މުހިންމު އެއް ކަމަކީ، ސަރުކާރުން ފަށާފައިވާ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި ޒުވާނުން އިމާމުވެ ނަމާދުކުރުމެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދު ކުރީ ޒުވާން ޚަޠީބު އަލްޙާފިޒު މުޙައްމަދު ހަނޫން ޙުސައިންއެވެ.
ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކަކީ އިސްލާމީ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ރާއްޖޭގައި އާލާވަމުންދާކަން ހާމަކޮށްދޭ ވަރަށް މުހިންމު ހަރަކާތެކެވެ.