ދީން / ޚަބަރު
އުފާ ފާޅުކުރުމުގެ އިސްލާމީ ރޫޙާއި ޘަޤާފަތާ ޚިލާފު ކަންކަމުން ދުރުހެލިވޭ : ޢީދު ޚުޠުބާ
މިއަދު ބޮޑުޖަމާޢައްތުގައި ކުރެވުނު ޢީދު ނަމާދު ފޮޓޯ: ޕީއެސްއެމް
މިއަދަކީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހަށް ވީހިނދު، މިއީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއްކަން ހަނދާންކޮށް، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ސާބިތުވެ ތިބުމަށް ދިވެހި އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް މިއަހަރުގެ ޢީދުގެ ޚުޠުބާ ނަސޭހަތްތެރިވެއްޖެއެވެ.
ޢީދުގެ މާތްކަމާ ގުޅޭގޮތުން މިއަދު ދެއްވި ޚުޠުބާގައި ބަޔާންކުރައްވާފައިވަނީ، ޢީދުގައި މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. ޚާއްޞަކޮށް ޙައްޖުމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުމަކީ ކީރިތި ރަސޫލާ ﷺ ގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުތަކުން ސާބިތުވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޢަރަފާތު ދުވަހުގެ ފަތިހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ތަކުބީރުކިޔުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.
އަޟުޙާ ޢީދުގެ އެންމެ މުހިންމު އެއް އަޅުކަމަކީ އުޟްޙިޔާ ކަތިލުމެވެ. މިއީ އިބްރާހީމު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމް މާތް ﷲ އަށްޓަކައި ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާންތައް އާކޮށްދޭ އަޅުކަމެކެވެ. ކީރިތި ރަސޫލާ ﷺ ވެސް އަމަލީގޮތުން އުޟްޙިޔާ ކަތިލެއްވިކަން ޞައްޙަ ޙަދީޘްތަކުން އެނގެން އޮތްއިރު، މިއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ ގަދަވެގެންވާ ސުންނަތެކެވެ.

ޢީދުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އިސްލާމީ ރޫޙާއި ޘަޤާފަތާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މީހުންނަށް ފުރައްސާރަކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ދީނާ ފުށުއަރާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި ހަނގުރާމައިގެ ތެރޭގައި ތިބި މުސްލިމް އަޚުންނަށް، ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރުމަށް ވަނީ ގޮވާލާފައެވެ.
ނިންމާލަމުން، މިއަދުގެ މި ބޮޑު ޖަމާޢަތުން މަޙުޝަރުގެ މައިދާން ހަނދާންކޮށް، ހިތްތައް ސާފުކޮށް، އެކަކު އަނެކަކަށް މަޢާފުކުރުމަށާއި، ބޮޑާކަމާއި ޙަސަދަވެރިކަމުން ހިތްތައް ތާހިރުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ސަލާމަތް ހިތަކާއިގެން މާތް ﷲ އާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ޤިޔާމަތް ދުވަހު ރައްކާތެރިކަމެއް ނެތްކަން ހަނދުމަކޮށްދެމުން، އެންމެހައި ކަންކަމުގައި މާތް ﷲ އަށް ބިރުވެތިވުމަށް ޢީދުގެ ޚުޠުބާގައިވަނީ ބާރުއަޅާފައެވެ.