Ads by Farudhun

ޚަބަރު

މަޙުޝަރުގެ މައިދާނާއި ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންނުވޭ ހެއްޔެވެ؟

މަޙުޝަރުގެ މައިދާނާއި ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންނުވޭ ހެއްޔެވެ؟

ގއ ވިލިގިލީގައި ކުރެވުނު ޢީދު ނަމާދު ފޮޓޯ: ވިލިގިލި ކައުންސިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 09:36

27 މޭ 2026، 09:36

މިއަދު މުޅި ރާއްޖޭގައި ފާހަގަކުރަމުންދާ އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތުގެ ޚުޠުބާގައި، ޤިޔާމަތް ދުވަހު މާތް ﷲގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނޭ ބިރުވެރި ދުވަސްމަތީން ހަނދާންކުރުމަށް ހުރިހާ މުސްލިމުންނަށް ގޮވާލައިފިއެވެ.

ޢީދު ނަމާދުގެ ޚުޠުބާގައި ވިދާޅުވި ގޮތުގައި، ޢީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވާންޖެހޭ ދުވަހެކެވެ. މިގޮތުން ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާ ކިޔައި، އެމީހުންވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ޚުޠުބާގައި ބާރުއަޅުއްވާފައިވެއެވެ.

ޚުޠުބާގައި އިތުރަށް އަލިއަޅުވާލާފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތީން ހަނދާންކުރުމަށެވެ. ވަކިން ޚާއްޞަކޮށް، އިސްލާމީ އުންމަތުގެ ބަޔަކު ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި، ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތް ހާލުގައި ތިބިކަން ހަނދާންކޮށް، އެ އަޚުންނަށް ނަޞްރާއި ކާމިޔާބަށް އެދި ދުޢާކުރުމަށް ގޮވާލާފައިވެއެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ބޮޑު ޖަމާޢަތާއި މައްކާގެ މަތިވެރި ބިމުގައި ޖަމާވެފައިވާ މިލިއަނުން ގުނާލެވޭ މުސްލިމުންގެ ސަފުތަކުން، މަޙުޝަރުގެ މައިދާން ހަނދާންކޮށްދޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. "އެތައް މިލިއަން މޭލެއް ދުރުގައި އިރު ހުރިއިރުވެސް މިއަދު މި އިހުސާސްކުރާ ހޫނަށްވުރެ، ޤިޔާމަތް ދުވަހު މީސްތަކުންގެ ބޮލާ ކައިވަތަކަށް އިރު ކައިރިވެފައިވާ ހިނދު ތިބޭނޭ ބިރުވެރި ހާލަތު ހަނދާނަށް ގެންނާށެވެ،" ޚުޠުބާގައި އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، މިއަދުގެ ޢީދު ޖަމާޢަތުން ވަކިވުމުގެ ކުރިން އެކަކު އަނެކަކަށް މާފުކޮށް، ހިތްތައް ސާފުކުރުމަށާއި، ބޮޑާކަމާއި ޙަސަދަވެރިކަން ހިތުން ފިލުވާލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ކިބުރުވެރިކަމުގެ ކުޑަ މިންވަރެއް ހުރި މީހަކުވެސް ސުވަރުގެ ނުވަންނާނޭކަމުގެ އިންޒާރު ދެއްވަމުން، ޤިޔާމަތް ދުވަހު ރައްކާތެރިކަން ލިބޭނީ ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް އެކަނިކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450