ދުނިޔެ
އިންޑިއާއިން އެބޯލާއަށް ޝައްކުކުރެވޭ މީހަކު ފެނިގެން ކަރަންޓީނުކޮށްފި
އެބޯލާގެ ވޭދަނައެއް އިންޑިއިން ފެނުން - ފޮޓޯ : އަލްޖަޒީރާ
އިންޑިއާއިން އެބޯލާ ވައިރަހަށް ޝައްކުކުރެވޭ ވޭދަނައެއް (ކޭސްއެއް) ފެނި، އެ ގައުމުގެ ސިއްހީ އިދާރާތަކުން ސަމާލުކަމަށް އަތުވެއްޖެއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްޔަށް ޝައްކުކުރެވިގެން ކަރަންޓީނުކޮށްފައިވަނީ ދާދިފަހުން ޔޫގެންޑާއިން އެ ގައުމަށް ދަތުރުކުރި އަންހެނެކެވެ. ބެންގަލޫރުގައި ކަރަންޓީނުކޮށްފައިވާ މި އަންހެން މީހާގެ ކިބައިން އެބޯލާ ބަލީގެ ބައެއް އަލާމާތްތައް ފެންނަމުންދާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ބެންގަލޫރުގެ ޑިސްޓްރިކްޓް ސާޖަން އަދި ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް އަނިލް ކުމާރު ބަނާގަރް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އަންހެން މީހާ ޔޫގެންޑާއިން ފުރައިގެން ފުރަތަމަ ދިޔައީ އަހްމަދުއާބާދަށް ކަމަށާއި، ބެންގަލޫރަށް އައީ އޭގެ ފަހުން ކަމަށެވެ. އެއާޕޯޓުން ސްކްރީން ކުރިއިރު އެއްވެސް އަލާމާތެއް ނެތް ނަމަވެސް، އޭނާ އައީ އެބޯލާ ފެތުރެމުންދާ ސަރަހައްދަކުން ކަމަށްވާތީ ސިއްހީ އިދާރާތަކުން ދިޔައީ އޭނާ މޮނިޓާ ކުރަމުންނެވެ.
"ޑިސްޓްރިކްޓް ސަވައިލެންސް ޓީމާއި އެއާޕޯޓުގެ ސިއްހީ އޮފިޝަލުން އޭނާގެ ހާލަތު ބަލަމުން ދަނިކޮށް، 24 ގަޑިއިރު ފަހުން ހަށިގަނޑުގައި ރިއްސުން ފަދަ އުނދަގޫތަކެއް ހުރިކަމަށް ފާހަގަވި. އެހިސާބުން އޭނާގެ ސުންކު (ސާމްޕަލް) ނަގައި ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ) އަށް ވަނީ ފޮނުވިފައި،" ޑރ. ބަނާގަރް ވިދާޅުވިއެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިހާރު އެ އަންހެން މީހާގެ ހާލު ރަނގަޅެވެ. އަދި އިތުރު ނުރައްކާތެރި އަލާމާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ޓެސްޓްގެ ނަތީޖާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭއިރު، ފުރަތަމަ ނަތީޖާ ނައްސި (ނެގެޓިވް) ވީ ނަމަވެސް، އިތުރު 48 ގަޑިއިރު އޮބްޒަވޭޝަންގައި ބެހެއްޓުމަށްފަހު ދެވަނަ ޓެސްޓެއް ހަދާނެއެވެ. އޭނާ ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ޖެހިޖެހިގެން ދެ ޓެސްޓްގެ ނަތީޖާ ނައްސި ވުމުންނެވެ.
މި ކޭސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރްނާޓަކާގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ބެންގަލޫރުގެ ބައެއް ހޮސްޕިޓަލްތަކުގައި ހާއްސަ އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައެވެ. އެގޮތުން ބެންގަލޫރުގެ ރަޖީވް ގާންދީ އިންސްޓިޓިއުޓް އޮފް ޗެސްޓް ޑިޒީޒް އާއި އެޕިޑެމިކް ޑިޒީޒް ހޮސްޕިޓަލުގެ އިތުރުން، މެންގަލޫރުގެ ސްރިނިވާސް ޕޯޓް ހޮސްޕިޓަލާއި ވެންލޮކް ޑިސްޓްރިކްޓް ހޮސްޕިޓަލް ވަނީ މިކަމަށް ހާއްސަކޮށްފައެވެ.
ޔޫގެންޑާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިހާރު ފެތުރެމުންދާ އެބޯލާ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ.